އެފްޑީސީން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އޭސީސީއަށް

ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓާ ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ)އިން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅީ ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް އަށް ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވީ ފްލެޓުތައް ލިބޭ ފަރާތްތަކާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ރައްޔިތުން އަތުން އެޑުވާންސްކޮށް ފައިސާ ނަގާ ކުލީގެ އެއްބަސްވުމެއް ހަދަމުންދާ ކަމަށާއި މިއީ ކަނޑައެޅިގެން ކޮންޓުރެކްޓް އާއި ވިޔަފާރިއާއި ބެހޭ ޤާނޫނުތަކާއި އަދި އިސްލާމީ ޝަރިއްޔަތުގައި ބަޔާންކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގެ އުޞޫލުތަކާއި ހިލާފު ކަމެއް ކަމަށެވެ.
ކުލީގެ އެއްބަސްވުމުގައި އެފުލެޓުތައް ލިބުނު ފަރާތްތަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު ސޮއި ކުރުމުގެ ކަންކަން ހިންގުމަށް އެކޯޕަރޭޝަނުން ހަމަޖައްސާފައިވާ ތަނުގައި، ފަސޭހަ އިންސައިޑު ސުޓޫޑިއޯ ގެ ނަމުގައި ސުޓޯލްއެއް ހަދާ އެޕާޓުމަންޓުތަކަށް ބޭނުންވާ އެންމެހާ ފަރުނީޗަރު ލިބޭނެކަމުގެ އިޝްތިހާރުތައް ވަނީ ބަހައްޓާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެޕާޓުމަންޓު ތަކުގައި ހަރުކުރަން ބޭނުންވާނެ އެއާކޯނު ވަކި ކުންފުންޏަކުން ގަތުމަށް މަޖުބޫރުކުރުވަން ސުޓޯލެއް އެމާޙައުލުގައި ގާއިމުކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކުން އެތަކެތި ގަތުމަށް އެފްޑީސީގެ ބައެއް މުވައްޒަފުން ބާރުއަޅާ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
"މި ދެންނެވި ކުންފުނިން ބަދިގެ ކަބަޑު ސެޓެއް ވިއްކާ އަގަކީ 500000 ރުފިޔާއެވެ. 4000 ހާސް ފުލެޓަށް 4000 ހާސް ބަދިގެ ސެޓު އެއީ ދިވެހި ރުފިޔާއިން 200،000،000 ދުވިސައްތަ މިލިއަން ރުފިޔާއެވެ. އެއަރކޯން ސިސްޓަމުގެ އަގަކީ 30000 ރުފިޔާއެވެ. 4000 ހާސް ފުލެޓަށް 30000 ހާސް ރުފިޔާގެ މަގުން ބެލި ކަމުގައި ވީނަމަވެސް މިއީ ދިވެހި ރުފިޔާއިން 120.000،000 ސަތޭކަ ވިހި މިލިއަން ރުފިޔާއެވެ. އެޕާޓުމެންޓު ތަކަށް ބޭނުންވާނެ އެނދާއި ސޯފާ ސެޓާއި އަދި ޑައިނިން ރޫމް ސެޓުގެ އަގުތަކަކީވެސް 2 ކޮޓަރީގެ އެޕާޓުމެންޓަކަށް 51،805.00 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓުމެންޓަކަށް 55046.00 ރުފިޔާއެވެ. އަންދާސާ ކުރެވޭގޮތުގައި މިވިޔަފާރިޔަކީ ގާތްގަނޑަކަށް ބައިބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ ވިޔަފާރިއެކެވެ،" އެ ސިޓީގައިވެ އެވެ.
ސަލީމް ވިދާޅުވީ ފަސޭހަ ހާޑުވެއާ އަށް ވިޔަފާރި ހުއްދައެއް އަދި ވިޔަފާރީގެ ލައިސަންސެއް ދޫކޮށްފައި ނެތްކަން އެނގެން އެބައޮތް ކަމަށާއި މިހާ ނުކިއްސަރު ގޮތަކަށް މިފަދަ އިޝްތިހާރުތައް ހަދާ، އަސްލު ކުންފުންޏަކީ ކޮބައިކަން އޮޅޭގޮތަށް ކުރާކަންކަމަކީ މަކަރާއި ހީލަތްހެދުމުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
އަދި ފެންނަމުންދަނީ އެފްޑީސީގެ ވެރިން އޮޅުވާލާ މަކަރު ހަދައިގެން ވަކިބަޔަކަށް ނާޖާއިޒު މަންފާއެއް ނަގާދޭން އުޅޭތަން ކަމަށާއި ނިމިފައި ހުރި އެޕާޓުމަންޓުތައް އެތަންތަނުގެ ވެރިންނާ ޙަވާލުނުކޮށް މިހާ ދިގު މުއްދަތެއް ނަގަން ޖެހެނީ ކޮންގޮތަކުންކަން މީ ސުވާލު އުފެދޭކަމެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
"އެޕާޓުމަންޓު ތަކުގެ ވެރިން ކޮންމެ ތަނަކުން ތަކެތި ގަނެ އިންސްޓޯލް ކުރިޔަސް އެއީ އެފްޑީސީ އިން މިގޮތަށް ނުފޫޒު ފޯރުވަންޖެހޭ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެޕާޓުމަންޓުތައް ނިމުމުން ވީއެންމެ އަވަހަކަށް އެތަންތަނުގެ ޙައްޤުވެރިންނާ ޙަވާލުކުރުމުން އެފަރާތްތަކުން ފަރުނީޗަރު ހޯދާ އެއާކޯން ހަރުކުރަން ބޭނުންވާ ބަޔަކު އެއާކޯން ހަރުކޮށްގެން އެތަންތަނުގައި ދިރިއުޅެން ފަށާނެއެވެ. މިއީ ކުރިންވެސް ރައްޔިތުންނަށް ލިބިދިން އެހެން އެޕާޓުމަންޓުތަކުގެ ކަންތައްތައްވެސް ހިނގާފައިވާ ގޮތެވެ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މިހާރު "ފަހި ދިރިއުޅުން ކޯޕަރޭޝަނުން" ސޮއިކުރުވަމުންދާ އެއްބަސްވުން ތަކުންނާއި އަދި އިސްވެ ދެންނެވިފައިވާ ކުންފުނިތަކުން، އެޕާޓުމަންޓުތަކަށް ތަކެތި ގަތުމަށް ބާރުއަޅަމުން މިދާގޮތުން ދޭހަވަނީ، މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އެމްޑީ ޙަމްދާން ޝަކީލުގެ އަމިއްލަ ކުންފުންޏަކުން ހަދާ ނިންމާފައިވާ އެޕާޓުމަންޓުތަކެއް އަމިއްލަ ފަރާތްތަކަށް ވިއްކަމުންދަނީ ކަމަށެވެ.
މީގެއިތުރުން ސަލީމްގެ ސިޓީގައި ވަނީ މިކަމުގައި ޤާނޫނު ތަކާއި ޤަވާޢިދު ތަކާއި ޚިލާފުކަމެއް ހިނގާފައިވޭތޯ އާއި އަދި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ، ތިޔަކަމިޝަނުން އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގުކޮށްދިނުމަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ