ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ދެ ގޯލުން ކްލަބް އީގަލްސް އިން 2-2 އިން އެއްވަރުކޮށް ޕޮއިިންޓެއް ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، އީގަލްސް އިން ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މި ފަހަރުގެ ސީޒަން ފަށައިގެން ފުރަތަމަ ހަތް މެޗު މޮޅެއް ނުލިބި އޮތް އީގަލްސް އިން މި ވަނީ، އަބްދުﷲ ހަނީފް (ބެންޖޯ) ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވި ފަހުން ހާލަތު ބަދަލުކޮށް ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލަައިފަ އެވެ. އީގަލްސް އިން ބެންޖޯގެ ކޯޗުކަމުގައި ފުރަތަމަ ބުރުގެ ފަހު ހަ މެޗު ކުޅުނުއިރު، ތިން މެޗުން މޮޅުވެ، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.
ލީގުގެ ހަ ވަނައިގައި އޮތް ވިކްޓަރީން ފުރަތަމަ ބުރުގައި އެ ޓީމުން ކުޅުނު ފަހު މެޗުން މި ހޯދި ޕޮއިންޓާ އެކު، ނުވަ މެޗުން މި ވަނީ 10 ޕޮއިންޓް ހަމަކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އީގަލްސް ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ވިކްޓަރީގެ ބްރެޒިލް ފޯވާޑް، ވްލަޑިމީރު އެވަޓަން އަށް ލިބުނު ބޯޅަ ހިފައިގެން ވަދެ، ގޯލުގެ ކައިރީ ކަނަށް ވަނީ އަމާޒުކޮށްލައިފަ އެެވެ. މެޗުގެ 15 ވަނަ މިނިޓްގައި ވިކްޓަރީން ލީޑުފުޅާކުރީ، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ކޯނަރަކުން، އަމްދާން އަލީ (އެންޑީ) ބޮލުން ޖެހި ގޯލުންނެވެ.
އީގަލްސްގެ މަޖުދާން (ކ) ކައިރިން އީގަލްސްގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ރިޒޭ، އީގަލްސްގެ ފުރަތަަމަ ގޯލު ޖެހީ 24 ވަނަ މިނިޓްގަ އެވެ. އީގަލްސްގެ އިސްމާއިލް އީސާ (މެސީ) ފޮނުވާލި ބޯޅައެއް ވިކްޓަރީގެ ކީޕަރު، ސީރިއާގެ މަހުމޫދު އަލް ޔޫސުފް އަތުގައި ޖެހިފައި ނުކުތް ވަގުތު ރިޒޭ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
ވިކްޓަރީން އަލުން ލީޑުފުޅާކުރަން އެ ޓީމުގެ އަހުމަދު ހަސަން (އައްމަޑޭ) ފޮނުވާލި ބޯޅައެއް އީގަލްސްގެ ޑިފެންޑަރު، ހިސާމް ސަލީމް (ކޮކީ) ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
އީގަލްސް އިން އެއްވަރުކުރީ، މެޗުގެ 63 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާބޭރުން ރިޒޭ، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. މެޗުން މޮޅުވާން އީގަލްސް އިން އިތުރު އެޓޭކްތަކެއް ކުރިއިރު، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ވިކްޓަރީ މޮޅުކޮށްދޭން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފަ އެވެ.
ލީގުގައި މާދަމާ ހަވީރު، 15:50 ގައި ފަށާ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބުން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ. އަދި، މާދަމާރޭ، 21:00 ގައި ފަށާ މެޗުގައި، ބުރު ސްޕޯޓްސް ކްލަބުން ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ.
ދިވެހި ޕްރިމިއާ ލީގު: ރިޒޭގެ ދެ ގޯލުން ވިކްޓަރީއާ އެއްވަރުކޮށް އީގަލްސް އަށް ޕޮއިންޓެއް ދިވެހި ޕްރިމިއާ ލީގު: ރިޒޭގެ ދެ ގޯލުން ވިކްޓަރީއާ އެއްވަރުކޮށް އީގަލްސް އަށް ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ