ލަންކާ ވިއްސާރަ: ނުވަރަލިޔާއިން ޚަބަރު ނުވެގެން ހޯދި ދިވެހި އާއިލާ ތިބީ ސަލާމަތުން

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި 56 މީހުން މިހާތަނަށް މަރުވެ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ގައުމުގެ ނުވަރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ޚަބަރު ނުވެގެން ހޯދަނިކޮށް، އެ މީހުން ތިބީ ސަލާމަތުންކަން ކަށަވަރުވެއްޖެއެވެ. ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ވަނީ ރިޕޯޓް ކޮށްފައެވެ. އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށް އެމްބަސީން ބުންޏެވެ. އެ މީހުންނާ ނުގުޅިގެން މާލެއިން ރިޕޯޓެއް ކޮށްފައިވާއިރު އެމްބަސީއިން މިހާތަނަށް ކުރި މަސައްކަތުން ވެސް އެ މީހުންނާ އަދި ގުޅޭގޮތް ނުވާ ކަމަށް މިއަދު ހަވީރު އެމްބަސީން ބުންޏެވެ. ނަމަވެސް މިހާރު "ސަން"އަށް އެނގިފައިވާ ގޮތުގައި އެ އާއިލާގެ ޚަބަރުވެ، އެ މީހުން ތިބީ ސަލާމަތުންކަން ވަނީ ކަށަވަރުކުރެވިފައެވެ. އެނގިފައިވާ ގޮތުގައި، އެ މީހުން ތިބީ ލަންކާ މީހެއްގެ ގޭގައެވެ. އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ. ހަމައެއާއެކު މީގެ ކުރިން އެ މީހުންނާ ގުޅޭގޮތުން ނުވީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މުޅި ލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން, ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. މޫސުން އެންމެ ގޯސް ހިސާބުތަކުގެ ތެރޭގައި ދިވެހީން ގިނައިން ދިރިއުޅޭ އެ ގައުމުގެ ވެރިރަށް ކޮލޮމްބޯ ވެސް ހިމެނެއެވެ. ސްރީލަންކާގައި މިވަގުތު 1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން ބަޔަކަށް ގެއްލުމެއްވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރަތް އިންޒާރު ނެރެފައިވާ ކަމަށް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ. ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަކީ, 09476991666 އެވެ. ގަދަވަޔާއެކު ވާރޭވެހޭއިރު ހިޔާވަހިތަނެއްގައި ތިބުމަށާއި ރައްކާތެރި ސަރަހައްދުތަކުގައި ތިބުމަށް ހައިކޮމިޝަނުން ވަނީ ލަފާ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ