ހިތުގައި ތިނަން ވާތީ... 06
"އީވް... އީވް... މީ އަހަންނޭ..." އިވުނީ މިރާހުގެ އަޑެވެ. ހާސްވެފައި ހުރި މިރާހް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އިވްލީންގެ ގައިގައި ހިފެހެއްޓިއެވެ. އޭރު ބިރުންގޮސް އިވްލީންގެ ދެފައިން ބާރު ދޫވެއްޖެއެވެ. އިވްލީނަށް މިރާހުގެ ގައިގައި ހިފަހައްޓާލެވުނެވެ. ******** "ކުއްލިއަކަށް ލައިޓްތައް ދިއްލިތަން ފެނުނީމަ އަނބުރާލާފަ މިއައީ... ކިހިނެއްވީ؟... ކަމެއްވީތަ؟..." މިރާހް ކަންބޮޑުވެފައި ސުވާލުކުރިއެވެ. ތުރުތުރުލަމުންދިޔަ އަތުން އިވްލީން އިޝާރާތްކުރީ ފާރުގައި ލިޔެފައިވާ ލިޔުންކޮޅަށެވެ. ލިޔުންކޮޅު ފެނުމާއިއެކު މިރާހަށް ފަހަތަށް ޖެހިލެވުނެވެ. "މިތަން ވިއްކާލާފަ ދާށޭ؟... ކާކަށް އެހެން އަމުރުކުރެވެންވީ؟... އެއްވެސް މީހަކަށް އަނެއް މީހާގެ މުދަލަށް ގެއްލުމެއް ދެވިގެން ނުވާނެ..." މިރާހުގެ ދެއަތް މުށްކެވުނެވެ. ދަތްތަކަށް ބާރުވިއެވެ. އިވްލީނަށް އެވަރުގެ ގެއްލުމެއް ދޭނީ ކާކު ހެއްޔެވެ؟ މިރާހަށް ކެފޭގެ ވަށައިގެން އަވަސް ނަޒަރެއް ދެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބޭރުގައިވެސް މީހެއްގެ ހިލަމެއް ނެތެވެ. އެކަމެއް ހިނގީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެމީހަކު ހުރީ މިރާހް ބޭރަށް ނުކުންނާނެ ވަގުތަކަށް ފާރަވެރިވެގެންކަން ޔަގީނެވެ. އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ ލިޔުންކޮޅު ލިޔެވޭނީ ވަރަށް ކުޅަދާނަ މީހަކަށެވެ. "ކީއްވެ؟..." އިވްލީން އުނދަގޫ ގޮތަކަށް ބުނެލިއެވެ. "އަހަރެން ބުނީމެއްނު އެކަނި ކެފޭގަ ހުންނަން ސޭފްއެއް ނުވާނެއޭ... ނަސީބެއްނު އީވްއަށް ގެއްލުމެއް ނުދިންކަން..." މިރާހް އިވްލީން ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. "ނަސީބެއްނު އަހަންނަށް އާދެވުނުކަން..." "ތޭންކް ޔޫ..." އިވްލީންގެ ދެލޯ ކަރުނުން ފުރުނެވެ. އިވްލީންގެ ހަނދާނަށް އައީ ކުރީ ރޭގެ ހާދިސާއެވެ. ކޮންމެވެސް މީހަކު އޭނާއަށް ފާރަލަމުން ގެއާއި ހަމައަށް ދިޔަކަން އޭނާއަށް ޔަގީނެވެ. އެކަމަކު އެމީހަކު އިވްލީނަށް ފާރަލުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މިރާހް ބުނިހެން އިވްލީނަށް ގެއްލުމެއް ދީފާނެ ހެއްޔެވެ؟ އެކަމަކު، ކެފޭގެ ބޭނުމުގައި މީހަކު އެ ދަރަޖައަށް ދާންވީ ކީއްވެ ހެއްޔެވެ؟ "އަހަންނަށް މި ކެފޭ ދޫކޮށެއް ނުލެވޭނެ... މީ އަހަރެންގެ މަންމަމެންގެ އެންމެފަހުގެ ހަނދާން... އަހަންނަށް ކޮންމެ ގެއްލުމެއް ދިނަސް މިތަން ވިއްކައެއް ނުލާނަން..." އިވްލީން އިސްޖަހައިލިއެވެ. "އަހަންނަށް އެނގޭ މި ކެފޭ ހަދަން އީވް ކުރި މަސައްކަތް... ވީ ގުރުބާނީވެސް... އެކަމަކު، ބައެއް ފަހަރު، ބައެއް އެއްޗެހި ދޫކޮށްލަންޖެހޭ ފަހަރު އަންނާނެ... އެހެންނޫނީ އޭގެ ގެއްލުން އެތައް ގޮތަކުން ކުރިމަތިވެދާނެ..." ވިސްނައިދޭ ރާގަކަށް މިރާހް ބުނެލިއެވެ. "ކީއްވެ؟... ކީއްވެ މިރާހް ތިހެން ތިބުނީ؟.... އަހަރެން ހީކުރީ އެހެން އެންމެންނަށް އަންޑަސްޓޭޑް ނުވިޔަސް، މިރާހަށް އަހަރެންގެ ހާލަތު ވިސްނޭނެ ކަމަށް..." ޝަކުވާގެ ރާގަކަށް އިވްލީނަށް ބުނެވުނެވެ. "އީވް!... އަހަރެން ބޭނުމެއް ނޫނޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބޭކަށް..." އިވްލީންގެ ޖުމުލަތަކުން މިރާހުގެ މޫނު މިލައިގެން ދިޔައެވެ. "އެހެންވެތަ، އަމިއްލަ މައިންބަފައިންނާ ދެކޮޅަށް މިރާހް މިތާ ތި މަސައްކަތް ކުރަނީ؟... މި ކެފޭ ކުރިއަރުވަން މިހާ ދުވަހު އަހަންނާ އެކީ ތި މަސައްކަތް ކުރީ އެހެންވެތަ؟...." އިވްލީން އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. މިރާހް ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ދެޖީބަށް އަތް ޖަހައިލިއިރު، އޭނާގެ މޫނުން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެ ހުރިހާ ދުވަހު މިރާހް އެ ކެފޭގައި މަސައްކަތްކުރީ އިވްލީންގެ އުފަލަށްޓަކައެވެ. އިވްލީން އުފާވެއްޖެނަމަ، މިރާހުގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިވްލީން ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައިދިނުމަކީ، މިރާހު އޭނާގެ އަމިއްލަ ނަފުސަށް ވެފައި އޮތް ވައުދެކެވެ. އެކަމަކު، އެ ވައުދު ފުއްދުމަށް، އިވްލީނަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމަކަށް މަގުފަހިވާނަމަ، އެ ވައުދުގެ މަތީގައި ދެމިހުންނަށް އޭނާގެ ހިތް އެއްބަސްވާނީ ކިހިނަކުން ހެއްޔެވެ؟ "އަހަރެންގެ ޕޭރެންޓްސްދޯ..." މިރާހް އޭނާގެ ކަނދުރާމަތީގައި އަތް ހިންގައިލިއެވެ. "އެމީހުން ގަބޫލުކުރަނީ މަތީ މަގާމެއްގަ އުޅުމަކީ މީހާގެ އަގު އުފުލޭ ކަމެއް ކަމަށް... ބައްޕަ ބުނާގޮތުން މިތާ ވޯކްކޮށްގެން ކިޔެވި އެއްވެސް އެއްޗެއްގެ ފައިދާއެއް އަހަންނަކަށް ނުކުރާނެ... އެކަމަކު، މިތާ މަސައްކަތްކޮށްގެން އަހަންނަށް ދިރިއުޅުމުގެ އަސްލު ދަސްވެއްޖެ... މުރާލި ހިންގުންތެރި މީހަކަށް ވެވިއްޖެ... އެއީ އެއްނު ދިރިއުޅުމުގެ އެންމެ މުހިންމު ކަންކަން... މިތާ ވޯކްކޮށްގެން އެލިބޭ އުފަލާ ހިތްހަމަޖެހުން އެ ހުރިހާ ކަމަކަށްވުރެ އަގުބޮޑު... އަހަރެން މިތާ މި މަސައްކަތްކުރަނީ އަމިއްލަ ތަނެއްގެ ގޮތުގަ ދެކިގެން، ވަރަށް ހިތްހަމަޖެހިގެން..." އިވްލީންގެ ދެލޮލަށް ކަރުނަ ޖަމާވާން އުޅުމުން، އަވަހަށް އިސްޖަހައިލިއެވެ. މިރާހްގެ ހިތް އެނގިހުރެމެ، ޖަޒުބާތުގައި ޖެހި، ހަރުކަށި ގޮތަކަށް ވާހަކަ ދެއްކުނީތީ އޭނާ ހުރީ ދެރަވެފައެވެ. "އެހެންވެ އަހަރެން މިރާހްދެކެ ލައިކްވަނީ...." އިވްލީން މަޑުމަޑުން ބުނެލިއެވެ. "ތީ ހަމަ އަހަރެން ކަހަލަ ބޯހަރު މީހެއްވީމަ..." "އެހެންވީމަ ދެމީހުން އެއްކޮށް ބޯހަރުވީމަތާދޯ މިހާ ދުވަހު އެއްކޮށް މި އުޅެވުނީ...." މިރާހް ޖަހައިލީ ހިނިގަނޑެކެވެ. "ދެން ކުރިއަށް އޮތްތާވެސް ދެމީހުން އެއްކޮށް ބޯހަރުކޮށް އުޅޭނީ..." ކެފޭ ތެރޭގައި ހަރުލީ އިވްލީންގެ ލުއި ހިނިގަނޑުގެ އަޑެވެ. އޭނާ ތުން ފިއްތައިލައިފައި މިރާހްގެ ބުރަކަށީގައި މަޑުމަޑުން ޖެހިއެވެ. މިރާހް ވަގުތުން ތަދުވާކަމަށް ހެދެމުން އިވްލީނާއި ދުރަށްޖެހުނެވެ. ކެފޭގެ ބޭރުގައި އެ މަންޒަރު ބަލަން ހުރި އާކިލް އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. މިއަދު އިވްލީނަކީ އާކިލްގެ މީހެއް ނޫނެވެ. އެހެނަސް، އޭނާ ނޫން ފިރިހެނަކާއި އިވްލީން އެހާ ގާތްވުމުން، އަދިވެސް އާކިލްއަށް އުނދަގޫވެއެވެ. ހިތަށް ތަދުވެއެވެ. އާކިލް އަވަސް އަވަހަށް ފަސްއެނބުރުނެވެ. ******* ފަތިހު ކެފޭއަށް އައިގޮތަށް އިވްލީން ފެށީ ތަން ސާފުކުރުމުގެ މަސައްކަތެވެ. ތަޅުންމަތީގައި ހުރި މުށިތައް ނަގަން ހުއްޓާ، ކެފޭގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އިވްލީން ކުޑަކޮށް ސިހިފައި، އަވަސް އަވަހަށް ފަހަތް ބަލައިލިއެވެ. ރޭގެ ހާދިސާއަށްފަހު، ކިރިޔާ އަޑެއް އިވުނަސް އިވްލީން ސިހޭގޮތްވެއެވެ. "އާކިލް!..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ. އާކިލްގެ ނަޒަރު ފާރުގައި ލިޔެފައިވާ ލިޔުންކޮޅުން، އިވްލީން ހިފައިގެން ހުރި ކުނިނަގާ އެތީގައި ހުރި މުށިތަކަށް ހުއްޓުނެވެ. އެމޫނުން ހައިރާންކަމެއް ނުފެނުނެވެ. ރޭގައި އާކިލްއަށް ވަނީ ހުރިހާ މަންޒަރެއް ފެނިފައެވެ. ފަތިސްނަމާދުން ފޭބިގޮތަށް އޭނާ ކެފޭއަށް އައުމުގެ މަގުސަދަކީވެސް އެއީއެވެ. "މީހަކަށް އީވްގެ ކޮފީ ހަޖަމު ނުވީތާ..." އާކިލް އެއްބުމަ އުފުލައިލިއެވެ. "ތިވާހަކަ ދައްކަންޏާ، ފަހުން އާދޭ..." ޑަސްބިނާއި ދިމާއަށް ދަމުން އިވްލީން ބުނެލީ، އާކިލް އާއި ދިމާއަށް ބަލައިލުމެއް ނެތިއެވެ. "ކާކު ކުރި ކަމެއް މީ؟..." ފާރުގެ ތަސްވީރެއް ނަގަމުން އާކިލް ސުވާލުކުރިއެވެ. "ނޭނގެ..." އިވްލީންގެ ނަޒަރު އާކިލްއަށް ހުއްޓުނެވެ. ދެލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން އެ ނަޒަރުން ބުނެދިނީ ކީކޭކަން އާކިލްއަށް އެނގުނެވެ. "އަބަދު މިތަނުގެ ކޮމްޕްލެއިންސް ހިފައިގެން ކައުންސިލް އިދާރާއަށް ދާ މީހެއްގެ ކައިރީ ތި ސުވާލު ކުރަންޖެހޭނީ..." "އީވް އަދިވެސް ތި ސައްކު ކުރަނީ އަހަންނަށްތަ؟..." އާކިލް މޭގައި އަތް ޖައްސައިލީ ހިތަށް އުނދަގޫ ގޮތެއް ވުމުންނެވެ. އިވްލީންގެ ހިތް އޭނާއަށް ސާފުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ "އަހަރެން ޝައްކެއް ނުކުރަން... ޔަގީން ކުރަނީ..." އިވްލީން މަޑުކޮށްލުމެއްވެސްނެތި ގޮސް ވަނީ ބަދިގެއަށެވެ. އާކިލް އިސްޖަހައިލީ ހިތަށް ކުރި އަސަރަކުންނެވެ. އެ އަސަރުތައް އޭނާގެ މޫނުން ފެންނަން ހުއްޓެވެ. އަދިވެސް އިވްލީނަށް އާކިލް ނޭނގެނީ ހެއްޔެވެ؟ ނޫނީ ގަސްދުގައި ނޭނގޭކަމަށް ހަދަނީ ހެއްޔެވެ؟ އިވްލީން ބަދިގޭގައި އުޅެފައި ނުކުތްއިރު، އާކިލް ހުރީ، ފާރުގައި ލިޔެފައިވާ ލިޔުންކޮޅު ފިލުވާށެވެ. އަކުރުތަކުގެ ބޮޑުބައެއް ފިލުވާފައި ހުރިއިރު، އާކިލް ހުރީ މަސައްކަތަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ލައިގެން ހުރި އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި އޮތްއިރު، އިވްލީންގެ ފިޔާތޮށި ކުލައިގެ އޭޕްރޯން ލައި، ފުރަގަހުން އައްސާލާފައި އޮތް ތަން އޭނާއަށް ފެނުނެވެ. އެހާ ސީރިއަސްވެފައި ހުރި ގަޑިއެއްގައިވެސް އިވްލީންގެ ކައިރިއަށް ހިނި އައެވެ. "ކީއްތިކުރަނީ؟..." މޫނުމަތިން ނުރުހުމުގެ އަސަރު ދައްކާލަމުން އިވްލީން ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. "ހެލްޕް ވަނީނު..." އާކިލް ވަގުތުން ފަސްއެނބުރިފައި ހިނިތުންވެލިއެވެ. އިވްލީންގެ ހިނިގަނޑު ފަޅައިގެންދާން އުޅުނެވެ. އާކިލްގެ މުޅި މޫނުގެ އެކި ހިސާބުތަކުގައި ކަޅުކުލަ ހޭކިފައިވާއިރު، އާކިލްއަށްވުރެ ކުޑަ އޭޕްރޯނެއްގައި އޭނާ ފެންނަނީ ކޮންމެ މީހަކުވެސް ހިނި އަންނާނެހައި މަޖާކޮށެވެ. ހޫނުވެގެން އާކިލްގެ ނިތްކުރިމަތިން ދާހިއްލާލާފައިވާއިރު، ނިތްކުރީގައިވާ ކުލަތައް ފޭދިގެން ރޮނގެއް ހެން ތިރިއަށް ދެމިފައި ހުއްޓެވެ. އިވްލީން އަވަސް އަވަހަށް ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ. އޭނާ ދިޔަ ބާރުމިނުގައި އާކިލްގެ އަތުން ސްޕަންޖުގަނޑު އަތުލައިގެން ފާރުގައި ކާއްތަން ފެށިއެވެ. "އަހަރެން އާކިލްގެ ހެލްޕެއް ބޭނުމެއް ނޫން..." އިވްލީން ބުނެލީ ހަރުކަށި ރާގަކަށެވެ. "ޔޫ ޑޫ... އީވްއަށް ހެލްޕް ބޭނުންވެޔޭ..." އިވްލީންގެ އަތުގައި ހިފަހައްޓަމުން އާކިލް ބުނެލިއެވެ. "އެނގޭތަ އީވްގެ ދެއަތް އެބަ ތުރުތުރުއަޅާކަން؟..." އިވްލީނަށް އޭނާގެ އަތަށް އަވަސް ނަޒަރެއް ދެވުނެވެ. އާކިލް ބުނީ ތެދެކެވެ. އޭނާގެ އަތް ތުރުތުރުލައެވެ. އާކިލް އެވާހަކަ ބުނުމުގެ ކުރިން އިވްލީނަށް އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟ "އީވް ހާދަ ގޮތްދޫނުކުރެއޭ..." ފުން ނޭވާއެއް ދޫކޮށްލަމުން އާކިލް ބުނެލިއެވެ. "ދެން މިތަނަށް ނާންނަންވީނު!..." އިވްލީން އަވަސް އަވަހަށް އަތް ދަމައިގަތެވެ. "އަހަރެން ނާންނަންޏާ، ކާކު އީވްއަށް ޖެއްސުން ކުރާނީ؟..." އާކިލް ވަގުތުން ލުއި ހިނިގަނޑެއް ޖަހައިލިއެވެ. އިވްލީން ދެލޯ އަޅައިލަމުން އާކިލްއަށް ބަލައިލިއެވެ. އެގޮތުގައި އެންމެ ސިކުންތެއްވެސް އޭނާއަށް ނުހުރެވުނެވެ. އާކިލްގެ ލުއި ހިނިތުންވުން އެކަމަށް ހުރަސްއެޅީއެވެ. އިވްލީން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އާކިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ. އިވްލީންގެ އެންމެ އަމަލަކުން އޭނާގެ ހިތުގެ އިހުސާސްތައް އާކިލްގެ ކުރިމަތީގައި ބޭޒާރުވެއްޖެއެވެ. އިވްލީން ކިތަންމެ ފޮރުވަން އުޅުނަސް، އާކިލް އެއަށްވުރެ ހުށިޔާރެވެ. ވިސްނުންތޫނެވެ. "ރޭގަނޑު އެކަނި އުޅޭއިރު، ދޮރު ތަޅުލައިގެން ހުންނާތި!..." އޭޕްރޯން ބާލާފައި ކައުންޓަރުގެ މަތީގައި ބާއްވަމުން އާކިލް ބުނެލިއެވެ. "ކިހިނެއް އެނގުނީ ރޭގަނޑު އަހަރެން ހުންނަނީ އެކަނި ކަމެއް؟..." ކުއްލިއަކަށް ފަސްއެނބުރެމުން އިވްލީން ސުވާލުކުރީ ޝައްކުގެ ނަޒަރަކުން އާކިލްގެ މޫނަށް ބަލައިލަމުންނެވެ. "ބެލީމަ އެނގުނީ..." އާކިލް ފަސްއެނބުރިފައި ބުނެލިއެވެ. އިވްލީން އިތުރު ސުވާލެއް ކުރުމުގެ ކުރިން އާކިލް ނުކުމެގެން ދިޔައެވެ. ގޮނޑީގައި ލެނގިލައިގެން ވިސްނަން އިވްލީން އެތައް އިރަކު އިނެވެ. އާކިލް ބުނި އެއްޗެއްގެ މާނަ އޭނާ ނަގަންވީ ކިހިނެއް ހެއްޔެވެ؟ އިވްލީނަށް ފާރަލާ މީހަކީ އާކިލް ހެއްޔެވެ؟ ފާރުގައި ލިޔުނީ އާކިލް ހެއްޔެވެ؟ އެކަމަކު، އިވްލީންގެ ހިތް އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުން ދިޔައެވެ. އާކިލް އެފަދަ ކަމެއް ނުކުރާނެއެވެ. އިވްލީނަށް ޖެއްސުންކޮށްގެން އާކިލްއަށް ލިބޭނެ މޮޅެއް މިއަދަކު ވަކި ނެތެވެ. ބޭރަށް ނުކުތްގޮތަށް އާކިލް ގުޅީ އަޔާމަށެވެ. އެ މޫނުން ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ. "ބޮޑުފަތިހާ ނިދިކޮޅު ހަރާބުކޮށްލަންދޯ ތި ގުޅީ..." ފޯނު ނެގިގޮތަށް އަޔާމް ފެށީ ސަކުވާ ކުރާށެވެ. "ފަތިސްނަމާދުކޮށްގެން ނިދާ އެއްޗެއް ނޫނޭ...." އާކިލް ބުނެލިއެވެ. "ދެން އަންނަ ފެރީއަކުން ކެމެރާ ސިސްޓަމްއެއް ގެނެސްދޭން އެބަޖެހޭ..." "ކީއްކުރާ ކެމެރާއެއް؟..." އަޔާމްގެ ނިދިވެސް ވަގުތުން ފިލައިގެން ދިޔައެވެ. "ތަނަކު ހަރުކުރަން..." އާކިލް ދިނީ ނުސީދާ ޖަވާބެކެވެ. "ކޮންތާކު ހަރުކުރަން؟... ކެފޭގަތަ؟... އެމަންޖެއަށް ފާރަލާންވީތަ؟..." އަޔާމް ފަހު ސުވާލުތައްކުރީ ސަމާސާކޮށްލުމުގެ ނިޔަތުގައެވެ. އެކަމަކު، އާކިލް ވަކި އެއްޗެއް ނުބުނުމުން އޭނާއަށް އެކަން ޔަގީންވިއެވެ. "އެންމެ އަވަހަށް އަންނަ އެއްޗަކުން ގެންނާތި!..." އާކިލް ފޯނު ކަނޑައިލިއެވެ. ކުރިއަށް ހިނގައިގަތް އާކިލް ހުއްޓުނީ ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފައިލުމުންނެވެ. އެ ބީހިލުން އޭނާއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އާކިލްގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އެތައް އިރަކު އޭނާ ކުރި އިންތިޒާރަށް ނިމުން އައީ، ހިތް މާޔޫސްވެ، އެނބުރި ދާން އުޅެނިކޮށެވެ. "ތިހެން ހުރެގެން ދަނީތަ؟..." އިވްލީން މަޑުމަޑުން ސުވާލުކުރިއެވެ. "ތިބުނީ؟.." އިވްލީނާއި ދިމާއަށް އެނބުރުނުއިރު އާކިލް އޭނާގެ މޫނަށް ހައިރާންކަން ގެނުވައިފިއެވެ. އިވްލީން އަތުގެ އިޝާރާތުން އާކިލްގެ މޫނު ދައްކައިލިއެވެ. އެތެރެ އެތެރެއިން އާކިލްއަށް ހިނިތުންވެލެވުނެވެ. އެވަރުންވެސް އޭނާ ހުރީ މޫނުމަތިން ހައިރާންކަން ދައްކައިގެންނެވެ. އޭނާގެ މަގުސަދު ހާސިލުވީއެވެ. އިވްލީންގެ ހިތް އޮތްގޮތެއް ބެލުމަށް އާކިލް ގަސްދުގައި އޭނާގެ މޫނުގައި ކުލަ ހޭކީއެވެ. އިވްލީންގެ ހިތުގައި އާކިލް އާއިމެދު ކިރިޔާވެސް އިހުސާސެއް ވާނަމަ، އެގޮތަށް ހުރެ މީހުންގެ ތެރެއަށް ނުފޮނުވާނެކަން އޭނާއަށް ކަށަވަރު ވާތީއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ