ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖަށް ހުރަސް އެޅުން ސައިފްއާ ނާޒިމާ ކުށްވެރިކޮށްފި

ސަރުކާރުން ވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ހުރަސްއެޅުން ހުއްޓާލަން މާލެ ސިޓީ ކައުންސިލްގެ އިދިކޮޅު އެމްޑީޕީ މެންބަރުން ގޮވާލައިފިއެވެ. މިހާރުވެސް ކުރިއަށްދާ މި އިހުތިޖާޖުގެ ތެރެއިން މިއަދު މެންދުރުފަހު، މާލޭގެ ނެރު ކައިރީ އެމްއެންޑީއެފްގެ ކޯސްޓްގާޑު ޝިޕް ނޫރައްދީން ހުރަހަށް އޮތެވެ. އެ ސަރަހައްދުގައި ފުލުހުންގެ ދެ ލޯންޗެއް ހަރަކާތްތެރިވިއިރު، މާލޭގެ ނެރުން ބައެއް ލޯންޗުތަކަށްވެސް ނުނިކުމެވި އޮތެވެ. އޭރު މާލޭގެ ނެރުން ނިކުންނަން މަސައްކަތްކުރަމުން ދިޔަ ލޯންޗުތަކަށް ޖާގަ ދިނުމަށް އިހުތިޖާޖުގެ ބައިވެރިންނަށް، އިހުތިޖާހުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ފަރާތްތަކުން އިރުޝާދު ދެމުން ދިޔައެވެ. އަދި މިއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށްވެސް ދިޔައީ ބުނަމުންނެވެ. https://x.com/sunbrk/status/1998710793500766529 ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒް ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި، ވެރިރަށް މާލެއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ މައި ހަބުކަން ފާހަގަކޮށް، ބުނީ، މައްސަލަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ސިޔާސަތުތައް ބަދަލުކުރަން އެކަށީގެންވަނީ މާލެ ކަމަށެވެ. އެ ބަޔާނުގައި ބުނީ، ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުކުރަނީ ގަންނަ މަހަށް ހަމަ އަގު ހޯދުން ފަދަ ވައުދުތައް މި ސަރުކާރުން ފުއްދުން ލަސްވާތީ ކަމަށެވެ. ދެ ކައުންސިލަރުން ވަނީ، ބޮޑުކަންނެލި ބާނާ މަސްއޮޑިފަހަރުގައި އިހުތިޖާޖުކުރަމުންދާ މަސްވެރިންގެ ކަންބޮޑުވުންތަކަށް މަސްވެރިންގެ ދުވަހު ބީރު ކަންފަތެއް ދިނުމަކީ، މަސްވެރިންގެ ދުވަހު ކުރަން ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. https://x.com/aekofathih/status/1998730658093596873 މަސްވެރިންގެ އިހުތިޖާޖަށް މާލޭގެ މަގުތަކާއި ހުސް ޖާގަތަކާއި މައިޒާނުތައް ފަދަ އާންމު ތަންތަން ހުޅުވިފައިވާ ކަމަށް ބުނެ، އިހުތިޖާޖަށް ހުރަސް ނާޅަން ގޮވާލައްވައި ދެ ކައުންސިލަރުން ނެރުއްވި ބަޔާނުގައި ބުނީ، އިހުތިޖާޖުކުރުމަށާއި އަޑު އުފުލުމަށް މާލެ އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި މިއަދު ހެނދުނު، ކަނޑުމަތީގައި އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ. ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އެއްވިއިރު، ކޯސްޓުގާޑުގެ ޝިޕަކާއި ފުލުހުންގެ ލޯންޗުތަކެއްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އިއްޔެ ނެރުނު ބަޔާނުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި: ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން އެ ޔޫނިއަނުން ފާހަގަކުރިއެވެ. އަދި އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ. https://sun.mv/215120 ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ. އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ. ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކައި އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ