6 މަސް ފަހުން ޖޭއެސްސީގެ ރިޕޯޓު ހޯދުމުން މަހާޒު: އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް!
އަނިޔާވެރިކަމުން ދެމެހެއްޓެނު ވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރިޕޯޓު ހޯދުމަށް އެހާ ދިގު މުއްދަތެއް ނެގުމުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލިގޮތަކަށް ވަކިކުރި މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނިތާ، އަދި ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ފަހުން، ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވީ މިއަދެވެ. އެކަމަށް އިޝާރާތްކުރައްވައި މަހާޒު 'ފޭސްބުކް'ގައި ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ، މިއީ "އަނިޔާވެރިންގެ އަނިޔާއެއް" ގޮތަށް ސިފަކުރައްވައިފައެވެ. "އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް. ކޮންމެ ވެރިކަމެއްގެ 'ދަޅު ފުލުގައި' މުއްދަތު ހަމަވާ ތާރީޚުވޭ،" މަހާޒުގެ ޕޯސްޓުގައި ވެއެވެ. އޭސީސީން ޖިނާއި މައްސަލަތަކެއް އަންނަ ކަމަށް ބުނުމުން، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26ގައެވެ. އެބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ޖޭއެސްސީން ވެސް ބުނިއިރު، އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވިއެވެ. އަދި، އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މެއި މަހު ޖޭއެސްސީން ނިންމިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު--- ފޮޓޯ: ސުޕްރީމް ކޯޓް އެއަށްފަހު، ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14ގައެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމައިފައި ވަނިކޮށެވެ. އެއީ ސަރުކާރުގެ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، އޭސީސީއާއި ޖޭއެސްސީގެ ކުއްލި ނިންމުމާ ގުޅިގެން އެ ދެ ކޮމިޝަނާއި ސަރުކާރަށް ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވިއެވެ. https://sun.mv/215586 "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން، އޭސީސީންވަނީ އެ ދެ ފަނޑިޔާރުން ޖޭއެސްސީގެ ތަހުގީގަށް ދިން ބަޔާންތައް ހޯދުމަށް ޖޭއެސްސީގައި އެދިފައެވެ. އެ އެދުމާ ގުޅިގެން ޖޭއެސްސީގެ ބައެއް މެންބަރުންގެ މެދުގައި އެކަމާ މެދު ޚިޔާލު ތަފާތުވީނަމަވެސް، އެ ބަޔާންތައް އޭސީސީއަށް ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޖޭއެސްސީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމަށް ފަހު އޭސީސީން ޖޭއެސްސީގެ ބަޔާންތައް ހޯދަން އެދުމުންނެވެ. ޖޭއެސްސީން އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ، އޭސީސީގެ އެންގުމަކަށް ކަމަށްވާއިރު، މާ ފަހުން އޭސީސީއަށް ޖޭއެސްސީގެ ބަޔާންތައް ފޮނުވަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ޖޭއެސްސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖޭއެސްސީން އެ ބަޔާންތައްވަނީ ފޮނުވާފައެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ، އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނެތެވެ. ޖޭއެސްސީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ، މިހާރު ޖޭއެސްސީގެ ރައީސަކަށް ހުންނެވި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ