ރާއްޖޭގެ ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފިއެވެ.
މި ބޯޑު އެކުލަވާލީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައެވެ.
މި ބޯޑުގައި ހިމެނެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ސިއްހީ ވުޒާރާގެ އިތުރުން މާލީ ވުޒާރާއާއި، ފުލުހުންނާއި ސިފައިންއާއި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުން ހިމެނޭހެން ޖުމުލަ 7 މެންބަރުންނެވެ. 
މި ކޮމިޓި ޗެއާ އަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެވެ. އަދި ވައިސް ޗެއަރއަކީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއެވެ.
މި ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުން ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.
އެގޮތުން މި ބޯޑުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއި، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުމާއި، ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި، ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި، ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ