ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އައްސަވަން، ރައީސް ބައްދަލުކުރައްވަނީ
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވިޔަފާރިވެރިންގެ ޚިޔާލު ހޯއްދަވަން ބުދަ ދުވަހު ބައްދަލުކުރެއްވުމެއް ބާއްވަވާނެ ކަމަށް މިއަދު އިއުލާންކޮށްފިއެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުންގެ ކަންބޮޑުވުން ސީދާ ގޮތެއްގައި އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ. https://x.com/MvSpokesperson/status/2000203746849202600 އެ ބައްދަލުވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، ބައްދަލުކުރެއްވުމުގައި ބައިވެރިވުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ތެރޭގައި ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ތެރޭގައި، މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކަށް ދިނުން ހިމެނެއެވެ. https://sun.mv/214002 ސަރުކާރުން މަޝްރޫއުތައް އެފަދަ ގޮތަކަށް ހަވާލުކުރުމުން، އަމިއްލަ ކުންފުނިތަކަށް ފުރުސަތުތައް ގެއްލި، އަމިއްލަ ވިޔަފާރީގައި ފައިސާ ދައުރުވުން މަދުވި ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އޭގެ ފަހުން މިދިޔަ މަހު ސަރުކާރުން އެއް ފަަހަރާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރިއެވެ. ނަމަވެސް ބީލަމަށް ނުލައި އެ މަސައްކަތްތައް ހަވާލުކުރުމުންނާއި، ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ކުންފުނިތަކަކަށް ވެސް މަޝްރޫއުތައް ދިނުމުން އަނެއްކާވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިލުތައް ޝާމިލުވާ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވިއެވެ. ހަމައެއާއެކު، ރައީސް ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށްކުރުމަށާއި ކަޅު ބާޒާރު އުވާލުމުގެ ވައުދުފުޅާ އެކުގައި ނަމަވެސް، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އުފުލި، ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ދިމާވެފައެވެ. ރައީސް ވަނީ، 2027ގެ ފަހުކޮޅު ޑޮލަރުގެ އަގު 15.45އަށް ވެއްޓޭނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ