ގައުމީ ސަލާމަތުގެ ނަމުގައިވެސް ރައްޔިތުންގެ ފައިސާ ލޫޓުވަނީ؟

ދިފާއި ވުޒާރާއިން ޑްރާމާތަކަށް މިލިއަން ރުފިޔާ ހަރަދު ކުރަމުން ދާއިރު، ކެންސަރު ބައްޔާއި ހިތުގެ ބައްޔާއި އެނޫންވެސް ބޮޑެތި ބަލިތަކުގައި ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ފަރުވާ ހޯދުމަށް ފައިސާ ނުލިބިގެން އެތައް ސަތޭކަ ބަޔަކު މަރަށް އެބަތެޅެއެވެ. އާދައިގެ ބަލިތަކަށްވެސް ބޭސްފަރުވާ ނުކުރެވި ރައްޔިތުން ސަލާން ޖަހަނީއެވެ. ބޯހިޔާވަހިކަން ނުލިބިގެން އެތައް ހާސް ބަޔަކު މަގުމަތި ވަނީއެވެ. ކަބޯތަކެތީގެ އަގުބޮޑުވެ އަނގަޔާ އަތާ ދިމާ ނުވެ ރައްޔިތުން ތިބީ ގޮތްހުސްވެފައެވެ. ކަރަންޓާއި ފެނަށް ކުރަންޖެހޭ ހޭދަ އަތްގުޅިނުކައެވެ. 
ގައުމުގެ ދަރަނިވެރިވެރި ދަރަނިން ބޯހިކެން ނެތެވެ. ދުނިޔޭގެ ރޭޓިންގ އެޖެންސީތަކުން ރާއްޖެ މިންކުރަނީ ބަނގުރޫޓްވުމުގެ މަގުގައި އޮތް ގައުމެއްގެ ގޮތުގައެވެ. އެހީދޭ ޖަމާއަތްތަކާއި ގައުމުތަކާއި ބޭންކުތަކުން އެހީދިނުމާއި ދަރަނި ދޭން ފަސްޖެހި އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބަޔަކު މަދުންވެސް ނެތެވެ. އެތެރޭގެ ދަރަނި ބޮޑުވެ ދައުލަތުގެ ކުންފުނިތައް އޮތީ ބަނގުރޫޓްވުމުގެ މަގުމަތީގައެވެ. އަމިއްލަ ކުންފުނިތަކާއި ފިހާރަތަކުން ސަރުކާރަށް ހޯދާ ހިދުމަތަށް އަގުނުދެއްކި އަމިއްލަ ވިޔަފާރިތައް އޮތީ ކަރުތާފެނުގައެވެ. 
ގައުމުގެ ހާލަތަށް ނުބަލާ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކުން އަސްކަރީ ކަންކަމަށް ބިލިއަން ރުފިޔާ ހަރަދުކުރުމަކީ ކުރުން ހެޔޮވާވަރުގެ ކަމެއް ހެއްޔެވެ. އެތައް ބިލިޔަނެއް ހޭދަކޮށްގެން އަސްކަރީ ބާރު ގަދަކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އަސްކަރީ ގޮތުން ތަސައްރަފު ފުދިފައިވާ ގައުމަކާ މުގާބަލާ ކޮށްލެވޭ ވަރުގެ ގާބިލުކަމެއް ހޯދޭވަރުގެ ގައުމަކަށް ރާއްޖެ ވޭހެއްޔެވެ. އިންސާނީ ވަސީލަތާއި މާލީ ފުދުންތެރިކަން ރާއްޖޭގައި އޮތީހެއްޔެވެ.
ޒަމާނީ ހަނގުރާމަތައް ކުރެވެނީ ވައިގެ ހަމަލާތަކާއި، ޑްރޯންތަކާއި، މިސައިލްތަކާއި، ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކާއި، މިސައިލް ދިފާއީ ނިޒާމުތަކާއި، ސަރވެއިލަންސް މަތިންދާބޯޓުތަކާއި، ކަނޑުމަތީ ހަމަލާދޭ ޕްލެޓްފޯމްތަކާއި އަދިވެސް އެހެނިހެން ޒަމާނީ ނިޒާމުތަކުންނެވެ. މިފަދަ ތަކެތި ހޯދާ ބަލަހައްޓާ ހިންގުމަށް ބިލިއަނުން ޑޮލަރު ހަރަދު ކުރަންޖެހެއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އަކީ 7 ބިލިއަން ޑޮލަރު ކަމުގައިވާ ދިވެހިރާއްޖެއަށް މިފަދަ އަސްކަރީ ގާބިލުކަމެއް ހޯދުމަކީ ހަގީގަތުގައި ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.
ހަރު ކޮންނަން ވާނީ އެކަކުންޏެއްގެ ވަރުންނެވެ. ރާއްޖެ ފަދަ މީހުން މަދު ފޯރުންތެރިކަން ކުޑަ ތިރީހަކަށް ގައުމުގައި އަސްކަރިއްޔާއެއް ނޯވެއެވެ. އެ ގައުމުތަކުގައި އޮންނަނީ އެތެރޭގެ ހަމަޖެހުން ދެމެހެއްޓުމަށް އޮންނަ ހުނަރުވެރި ފުލުހުންގެ ހިދުމަތެވެ. ބޮޑު ވަރަކަށް ބޯޑަރ ބެލެހެއްޓުން ފަދަ ކަންކަމަށް އޮންނަނީ ޕެރިމިލިޓަރީ ފައުޖެކެވެ. އެންމެ ކައިރިން މޮރިޝަސް ގައިވެސް މާސިންގާ އަސްކަރިއްޔާއެއް ނޫނެވެ. އެ ގައުމުތަކުން ހޯދައިގެން ތިބީ އިތުބާރު ހުރި ބައިވެރިއެއްގެ ފަރާތުން ސަލާމަތީ ޔަގީންކަމެވެ. އެހެނެކޭ ކިޔާ އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެނެއް ނޫޅެއެވެ.
ރާއްޖެއަށް ވެސް ބޭނުންވަނީ އެ ގައުމުތައް ފަދައިން އިތުބާރުހުރި ބައިވެރިއެއްގެ ފަރާތުން ސަލާމަތީ ޔަގީންކަމެކެވެ. ޒަމާނުއްސުރެ އެފަދަ ޔަގީންކަމެއް ރާއްޖެއަށް ލިބިފައި އޮވެއެވެ. ބޮޑުކަމެއް ޖެހުމުން އެހީތެރިކަން ލިބެއެވެ. ނޮވެމްބަރ 3 އާއި ސްނާމީއާއި މާލެ ފެނަށްޖެހުމާއި ކޮވިޑްގެ ހާލަތުގައި އެކަންވަނީ ކަށަވަރުވެފައެވެ. ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި އެންޓި- ޓެރެރިޒަމްގެ ކަންކަމުގައި މިހާރުވެސް އެއްބާރުލުން ހުއްޓުމެއްނެތި ރާއްޖެއަށް ލިބޭ ނޫންހެއްޔެވެ. ނުކުޅަދާނަ ވަރުގެ ދިފާއީ ބުރައެއް އުފުލަން އުޅުމަށްވުރެ އިތުބާރުހުރި ބައިވެރިއެއްގެ ފަރާތުން ސަލާމަތީ ޔަގީންކަން ކަށަވަރުކުރުން ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް މާރަނގަޅު ވާނެއެވެ.
ބޭނުންޖެހޭ ވަގުތުގައި އިތުބާރުހުރި ބައިވެރިން އެކުގައި ތިބޭނެކަން އެނގިހުރެ މުޢިއްޒު ސަރުކާރުން ދިފާޢީ ކަންކަމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދަނީ ވައިގެ ހަމަލާތައް ފަދަ ޒަމާނީ ނުރައްކާތަކުން ދިވެހިރާއްޖެ ހިމާޔަތް ކުރުމަކަށް ނޫނެވެ. މުއިއްޒު ސަރުކާރުން ކުރަމުންދަނީ ގައުމީ ސަލާމަތުގެ ނަމުގައި ރައްޔިތުންގެ ފައިސާ ލޫޓުވުމަށް ކަމަށް ދެކޭމީހުން ލައްކަ ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ