އާސެނަލަށް ލީގު ލިބިދާނެ، ޔުނައިޓެޑްގައި އޮތީ މައްސަލަ: ރޮނާލްޑޯ އާސެނަލަށް ލީގު ލިބިދާނެ، ޔުނައިޓެޑްގައި އޮތީ މައްސަލަ: ރޮނާލްޑޯ

ރިޔާދު، ސައުދީ އަަރަބިއްޔާ (ނޮވެމްބަރު 5) - އާސެނަލަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންްކަން ލިބުމުގެ ފެންވަރު އެބަހުރި ކަމަށާއި އެކަން ކުރެވިދާނެ ކަމަށް ބުނެ، ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކުރީގެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑްގައި ހުރި މައްސަލަތައް ފާހަގަކޮށްފި އެވެ.
މަޝްހޫރު ޓީވީ ހޯސްޓް ޕިއާސް މޯގަންގެ "އަންސެންސާޑް" އަށް ރޮނާލްޑޯ ދިން ދެ ވަނަ އިންޓަވިއުގައި ގިނަ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، އާސެނަލާއި ޔުނައިޓެޑާ ގުޅޭ ގިނަ ސުވާލުތަކަކަށް ވަނީ ޖަވާބުދީފަ އެވެ.
ރޮނާލްޑޯ ބުނީ، އާސެނަލް މެޗުތައް ބަލާއިރު، އެއީ ވާދަވެރިންގެ ގޮތުގައި ނުދެކޭ ކަމަށާއި ސަބަބަކީ އެއް ފަހަރެއްގައި އޭނާ އާސެނަލާ ގުޅުމާ ވަރަށް ގާތަށް ދިއުމުން ކަމަށެވެ. އެހެންވެ، އާސެނަލް މޮޅުވާއިރު، އެ ކާމިޔާބީ އަށް ޓަކައި އުފާކުރާ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
"އާސެނަލަށް ވެދާނެ، ޕްރިމިއާ ލީގުގައި ޓީމުތަކުގެ ލެވަލް ވަރަށް ވަރަށް ރަނގަޅު. އެހެންވީމަ، އުނދަގޫވާނެ އެންމެ މޮޅު ޓީމެއް ބުނަން. އާސެނަލަށް ޗެމްޕިއަންކަން ހޯދިދާނެ. ހިނގާ ބަލަމާ، އެމީހުން ވަރަށް ރަނގަޅަށް ފެންނަނީ،" ރޮނާލްޑޯ ބުންޏެވެ.
ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ކުޅެފަ އެވެ. މީގެ ދެ އަހަރު ކުރިން، އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވީ ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ކުޅެފަ އެވެ. މީގެ ކުރިން، ޕިއާސް މޯގަން އަށް ދިން ފުރަތަމަ އިންޓަވިއުގައި ވެސް ރޮނާލްޑޯ ވަނީ ޔުނައިޓެޑުގައި ހުރި މައްސަަލަތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ރޮނާލްޑޯ ބުނީ، ޔުނައިޓެޑަށް ލީގު ނުލިބޭނެކަން ޔަގީން ކަމަށާއި މައްސަލަ އޮތީ ކޯޗާއި ކުޅުންތެރިންނާ ހަމައިގައި ނޫން ކަމަށެވެ. ޔުނައިޓެޑްގައި ކްލަބް ރަނގަޅު މަގުން ހިނގާނެ އޮނިގަނޑެއް ވެސް ނެތް ކަމަށާއި މިހާރު ހުރި ކޯޗު، ރުބެން އަމޮރިމް އަންނަނީ އޭނާ އަށް ކުރެވޭނެ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
"އާދަޔާހިލާފު ކަންތައްތަކެއް ކުރެވިދާނެ. އެކަމަކު އެ ވަރުގެ މާހައުލެއް އޮތުން ވެސް އެއީ މުހިންމު ކަމެއް. އޭރުން އެ ފަދަ ކަންކަން ކުރެވޭނީ، އަމޮރިމް އަށް ވެސް އެކަން ކުރެވޭނެ. އެކަމަކު މައްސަލަ އަކީ ޔުނައިޓެޑްގައި އެބަތިބި އެ ކްލަބަށް ކުުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން ނުވިސްނޭ ކުޅުންތެރިން،" ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާނެ ގާތް ޓީމެއް ކަމަށާއި އެ ކްލަބް އުނދަގޫ ފައްތަރެއްގައި އޮވެ، ކުރިއަށްދާތަން ބަލަން އުނދަގޫ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ