އިންޑިއާއި ޗައިނާއަކީ ހަތުރުން ނޫން ކަމަށް ވިދާޅުވެ، ގުޅުން ބަދަހިކުރަން މޯދީއާއި ޝީގެ މަޝްވަރާތަކެއް

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ދެ ގައުމަކީ ހަތުރުން ނޫން ކަމަށް ވިދާޅުވެ، ގުޅުން ބަދަހިކުރައްވަން މަޝްވަރާކުރައްވައިފިއެވެ. ދެ ގައުމުގެ ލީޑަރުން އެގޮތަށް ވިދާޅުވީ ޗައިނާގެ ޓިއަންޖިންގައި މިހާރު ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި މޯދީ ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ބައްދަލުވުމުގައި އިންޑިއާއާއި ޗައިނާ ވާދަވެރިންގެ ބަދަލުގައި އެކުވެރިންގެ ގޮތުގައި އޮންނަންޖެހޭ ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ. އަދި މޯދީ ވަނީ އެ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތީ "ސުލްހަ އާއި ހަމަޖެހުމުގެ މާހައުލެއް" ކަމަށް ވިދާޅުވެފައެވެ. އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު 2020 ވަނަ އަހަރު ހިމާލިޔާގެ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށް ފަހު މެދުކަނޑާލާފައިވާ ވައިގެ ދަތުރުތައް ދެ ގައުމުގެ މެދުގައި އަލުން ފަށާނެކަން ވެސް މޯދީ އިއުލާން ކުރެއްވިއެވެ. ޝީ ވިދާޅުވީ ދެ ގައުމުންވެސް ސްޓްރެޓެޖިކް ނަޒަރަކުން ވިސްނައި، ދުރު ރާސްތާއަށް ބަލައިގެން ގުޅުން ބަދަހި ކުރަންޖެހޭ ކަމަށެވެ. އެމެރިކާއިން ގެންގުޅޭ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ނުތަނަވަސްކަން އޮތް މި ދަނޑިވަޅުގައި ބާއްވާ ސަމިޓްގައި 20 އަށްވުރެ ގިނަ ގައުމުން ބައިވެރިވާއިރު، އޭގެތެރޭގައި ރަޝިޔާވެސް ހިމެނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަނެ ރަޝިޔާއަށް އެހީވާ ކަމަށް ވިދާޅުވެ އިންޑިއާގެ މުދަލުން 50 ޕަސެންޓް ޓެރިފް ނަގަން ނިންމަވައިފައެވެ. އެހެންވެ، އެމެރިކާއާއި އިންޑިއާއި ދެމެދު ހިނގި ވިޔަފާރީގެ މަޝްވަރާތައްވެސް މަޑުޖެހި، އިންޑިއާއާއި ޗައިނާގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ދެ ގައުމަކީ އާބާދީ އެންމެ ބޮޑު ދެ ގައުމަށްވާއިރު އެއީ އެންމެ ބޮޑު ދެ އިގްތިސާދު ވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ