ނޫސްވެރިކަން ސަރުކާރުންވަނީ އޮބަހައްޓައި ހިސާރުކޮށްފައި: މެމްބަރު ފިރުޝާން

ސަރުކާރުން ނޫސްވެރިކަން އޮބަހައްޓައި ހިސާރުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރު ފިރުޝާން މިފަދައިން ވިދާޅުވީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ކުރިމަތިވި ބޮޑު ނާކާމިޔާބާއެކު ރާއްޖޭގެ ފުޓުބޯޅަ ބަދަލު ކުރަން ޖެހޭ ކަމަށް ގޮވާލައި ސޯޝަލް މީޑިއާ އާއި ވައިބާ ގުރޫޕްތަކުގައި ކަންބޮޑުވުން ފާޅުކުރުމުގެ ތެރެއިން އުފަން ކުރި "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުމުގައި ސާފް ޗެމްޕިއަންޝިޕް 2008ގެ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ހިއްސާއެއްވި ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ދެއްކެވި ވާހަތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވިޓެއްގައެވެ.
ސޮބާހު ދެއްކެވި ވާހަކައިގައިވަނީ ރާއްޖޭގެ ކުޅިވަރު އޮތް ހާލަތު ތެދުވެރިކަމާއިއެކު ގެނެސްދިނުމަށް ނޫސްވެރިންނަށް ގޮވާލާފައެވެ. އަދި ކުޅިވަރު މިހާރު އޮތް ހިސާބުން ދެފަރާތުގެ ވާހަތައް ގެނެސްދީ އެފްއޭއެމް ޖަވާބުދާރީ ކުރުވައި ކުޅިވަރުގެ އިސް ސަފުގައި ތިބި މީހުންނާ ސުވާލުކޮށް މައްސަލަތަކާއި ކުރިމަގަށް ރާވާ ރޭވުންތަށްވެސް ރައްޔިތުންނާއި ހަމައަށް އިންސާފުވެރިކަމާއިއެކު ގެނެސްދިނުމަށް ސޮބާހުވަނީ އެދިފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް މިފަހަރު ރާއްޖެ ކެޓުމުން ފުޓްބޯޅައިގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވާ ބޭފުޅުން ފެށި ކެމްޕޭންގެ ސްލޯގަން އެއް ގޮތަށް ބޭނުން ކުރަނީ "ސޭވް އެފްއޭއެމް"އެވެ.
ސޮބާހުގެ ވާހަކަތަކަށް އިޝާރާތްކުރައްވައި މެމްބަރު ވިދާޅުވީ މީޑިއާގެ މިނިވަންކަން ނެތް ވާހަކަ ހަމައެކަނި ދައްކަނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކުން އެކަނި ނޫން ކަމަށެވެ. އަދި ފައިސާއަށް ނޫސް ލިޔުއްވުމާއި ހަބަރު ލިޔުއްވުމުގެ ތެރެއިންގޮސް ސަރުކާރުން ނޫސްވެރިކަން އޮބަހައްޓައި ހިސާރުކޮށްފައިވާ މިންވަރު ސޮބާހުގެ ވާހަކަތަކުން އެކަނިވެސް ހާމަވާ ކަމަށް މެމްބަރު ފިރުޝާން ވިދާޅުވިއެވެ.
މެމްބަރު ފިރުޝަން މިފަދައިން ވިދާޅުވެފައިވާއިރު ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވުމާއި ގުޅިގެން ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ