ވިނަރެސް ފުލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް ޞާލިހު

ވިނަރެސް ފްލެޓުތަކަށް ދައްކަން ޖެހޭ ޑައުންޕޭމެންޓާއި، އެ ފުލެޓް ތަކުގެ ކުލި ކުޑަ ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ކެމްޕެއިން ކުރެއްވުމަށްޓަކައި ގޭގެއަށް ކުރައްވާ ޒިޔާރަތުގައި ވިނަރެސް ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް ލަސްތަކެއް ނުވެ ޙައްލެއް ގެނެސްދެއްވާނެކަމަށާ، އަގަށް އަންނަ ބަދަލު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް ޞާލިހު  ވަނީ ވިދާޅުވެފަ އެވެ.
Advertisement
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެއަށް ބަދަލުތަކެއް ގެނެސް ޑައުންޕޭމެންޓު ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ހެޔޮ ބަދަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދޭނަން،" 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 
ވިނަރެސް ފްލެޓްގެ އިތުރުން ރައީސް ވިދާޅުވީ އެމްޕީއެލް ފްލެޓްތަކުގެ އަގުބޮޑުވެގެންވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެ ފްލެޓްތަކުގެ ވެސް އަގު ކުޑަކޮށް ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
މިއާއެކު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ވައުދުވެފައިވާ އިތުރު ކަންކަން ވެސް ހުރިކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ ލ ކަސްޓަމްސް އާއި ކަރެކްޝަންސް އަދި ޔުނިވާސިޓީތަކުގެ މުވައްޒަފުންނަށް ފްލެޓު ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަލި އަޅުއްވާ ލައްވާފައެވެ.
"މިއަދު ވަނީ ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި، އިދާރަކުރެވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނިވާސިޓީއާ ކަރެންޝަންސްގައި މަސައްކަތްކުރާ ފަރަތްކަކަށް ފްލެޓް ލިސްޓު ހަވާލުކުރާނަން." 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 
ވިނަރެސް އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މަޝްރޫއުއެކެވެ.
މި މަޝްރޫއުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. އަދި މިތަނުގައި 2 ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓް ތަކުގައި 3 ކޮޓަރި އަދި 3 ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ