ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިރޭ ހުށަހަޅައިފި އެވެ.ޔާމީންގެ ގާނޫނީ ވަކީލު، އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައް ކަމަށެވެ."އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން," ވަކީލު އާދަމް ޝަމީމް ލިޔުއްވާފައިވެ އެވެ.ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.އެކަމާ މެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބޭފުޅުން ގެންދަވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖޭއެސްސީ އާއި ހައި ކޯޓު އަދި ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ވަޑައިގެން ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.އިދިކޮޅުން މި މައްސަލަ އަވަސްކުރަން ބޭނުންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.މާދަމާ ހެނދުނު 9ގައި ކެންޑިޑޭޓުންގެ ފޯމު ހުށަހަޅަން އީސީން ހުޅުވާލާ އިރު، އެ ފުރުސަތު އޮންނާނީ، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ނަން ހުށަހެޅުމަށް ފޯމު ފުރުމާ ގުޅޭ ކަންކަން ފަށާފައިވާ ކަމަށް މިއަދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ