މި ސަރުކާރުން ނަހުލާ ބަހައްޓަވަނީ ހިތްދަތިކަމާއި ވޭނުގައި، އެކަހެރިކޮށްގެން: ގާސިމް

ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި އަނބިކަނބަލުން އާއިޝަތު ނަހުލާ ބަހައްޓަވަނީ ހިތްދަތިކަމާއި ވޭނުގައި އެކަހެރިކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނަހުލާގެ އުފަން ރަށް، ހޯރަފުއްޓަށް މިރޭ ވަޑައިގެން ގާސިމް ވަނީ އެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ. ގާސިމް ވިދާޅުވީ ސަލީމް މަޖިލީހަށް ހޮވުނީ ނަހުލާގެ އެހީތެރިކަމާއެކު ކަމަށެވެ.
"އަޅުގަނޑުގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި، ހިތްދަތިކަމާއި ވޭނުގައި ބަހައްޓައި އެތަނުގެ މެންޑޭޓުގައި ހުރި ހުރިހާ ތަންތަނެއް ނަގައި، އެކަހެރިކޮށް ބަހައްޓާފައި މިތަނުގެ މެންބަރު ބުނީމާ، އޭނާ ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދިނަސް، އަސްލު އެ މެންބަރު ހޮވަން ވެސް މަގޭ އަނބިކަނބަލުންނާއި އާއިލާއިން މަސައްކަތްކޮށްދީގެން ހޮވައިދިނީ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނަހުލާގެ އެހީތެރިކަމާ ނުލައި، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަލީމް ހޮވޭތޯ ބަލަން ހުންނަވާނެ ކަމަށާއި ސަލީމް ހޮވައިދިނުމަށް ނަހުލާ އެދިވަޑައިގެންނެވުމުން އަމިއްލަ މުވައްޒަފުން ލައްވައި މަސައްކަތްކުރުވާފައި ވެސް ވާނެ ކަމަށެވެ.
"އައިޝާ އަޅުގަނޑު ކައިރީގައި ބުނީމަ، އަޅުގަނޑުވެސް އެހީތެރިވިން. އަޅުގަނޑުގެ މުވައްޒަފުން ލައްވައި ވެސް މަސައްކަތްކުރިން. އަދި މިއަދުވެސް އެބަ އެނގޭ އަޅުގަނޑުގެ މުވައްޒަފުންގެ ތެރެއިން ވެސް އެކަކު، ދެމީހަކު ކަންނޭނގެ މިތަނުގައި މަސައްކަތް ވެސް އެބަކުރޭ، އެމީހުން ބޭނުންވާ ކަންތައްތައް ކޮށްދޭން. ކޮންމެހެން އަޅުގަނޑަށް ސަޕޯޓުކުރާކަށް ނޫން. ފެށުނީއްސުރެ އަޅުގަނޑާއެކުގައި އުޅެމުން އައި. އަބަދުވެސް ތިބޭނެ ކޮންމެ ތަނެއްގައިވެސް ގައްދާރުން. އެހެންނަމަވެސް އަޅުގަނޑު އެކަމަކާ ފިޔަވަޅެއް ނާޅަން. އަދި އެމީހަކު ބޭރުކޮށެއް ވެސް ނުލަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސިޔާސީ ވިސްނުމާ ހެދި ވަޒީފާ އިން ވަކުނުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެކަމާ ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭކަމަށް ވިދާޅުވެ، އިންޑިއާއަށް ވެސް ގާސިމް ވަނީ ފާޑުކިޔުން އަމާޒުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ