ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2023" ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދެނީ

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2023" ޕްރޮގްރާމުގައި ބައިވެރިވެއްޖެއެވެ.
"ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭ އިރު، މުޖުތަމައުގައި އެހީއަށް ބޭނުންވަފައި ތިބި އާއިލާތަކުގެ ތެރެއިން، ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުން ވެސް ހިމެނެއެވެ.
ދިރާގުން މިއަދު ބުނީ އެ ޕްރޮގްރާމުގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭ އިރު، ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމު ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު، "ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ކީ ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ ޕާޓްނާޝިޕް މަގުސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި، ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ