ރިސޯޓު މެނޭޖުމަންޓު ދާއިރާގެ 50 ޕަސެންޓު ދިވެހިންނަށް ހާއްސަކުރަން ހުށަހަޅައިފި

ޓޫރިސްޓު ރިސޯޓު އަދި ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހި މުވައްޒަފުންނަށް ދިނުމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށް ހުށަހަޅާފަ އެވެ. ފައިސަލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޓޫރިސްޓު ރިސޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ހުޅުވާތާ މަދުވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭންވާނެ ކަމަށެވެ. ފައިސަލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި "ހިނގަމުންދާ" ޓޫރިސްޓު ރިސޯޓު ނުވަތަ ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ 50 ޕަސެންޓަކީ ދިވެހިން ކަމުގައި ހަމަޖައްސަންވާނެ ކަމަށެވެ. ފައިސަލް ވިދާޅުވީ، އެ އިސްލާހު އޭނާ ހުށަހެޅުއްވީ ރާއްޖޭގެ އިގްތިސާދުގެ މައި ނާރަކީ ޓޫރިޒަމް ކަމަށްވާއިރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ވީހާވެސް ގިނަ ދިވެހިންނަށް ބެހިގެން ދިއުމަކީ ދިވެހިންގެ މާލީ ހާލަތު ރަނގަޅުވުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ