ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތް ކުރަން ރައީސް އެދިވަޑައިގެންފި

ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. 
ރައީސުލްޖުމްހޫރިއްޔާ މިފަދައިން އެދިވަޑައިގެންނެވީ، "ސާކް ޗާޓަރ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްޞަސާތަކަށާއި ސާކްގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ.
Advertisement
ރައީސް އޮފީހުން ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
އަދި، ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު އެމާނިކުފާނު ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. 
މީގެ އިތުރުން، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ކަންވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ. 
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ