އިޒްރޭލުން ފަލަސްތީނަށް ހަމަލާދިނުން ކުށްވެރިކޮށް، އެ ގައުމާ ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަށް ލިބޭ ކަމަށް ބާ ކައުންސިލުގެ ކުރީގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 7ގައި، ހަމާސްގެ ހަނގުރާމަވެރިން ކުއްލިއަކަށް އިޒްރޭލަށް ވަދެގަނެ ދިން ހަމަލާތަކާއި ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން، މެދުކެނޑުމެއް ނެތި އިޒުރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 9،000އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.
އެއާ އެކު، ރާއްޖޭގެ ގިނަ ބަޔަކު ވެސް އަންނަނީ އިޒްރޭލުން މުދާ އެތެރެކުރުން މުޅިން ނިމުމަކަށް ގެނެސް، އެ ގައުމާ ގުޅުން އޮންނަ ކުންފުނިތަކުގެ ތަކެތި ވެސް ބޮއިކޮޓް ކުރަމުންނެވެ. އަދި އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ވެސް އާއްމުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ބުނީ ކީކޭ؟ - ގާނޫނުލް އުގޫބާތުގެ 'ގާނޫނުގެ ބާރު ހިނގާ ދާއިރާ'ގެ ދަށުން 13 ވަނަ މާއްދާއާ ހަވާލާދެއްވައި މައުމޫން ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުއަށް ބަރޯސާ ނުވެ ވެސް، ރާއްޖެއަށް ވެސް ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމުގެ ބާރު އެ ގާނޫނުގެ ދަށުން ލިބޭ ކަމަށެވެ.
އެ މާއްދާގައި ބުނެފައިވަނީ:
ކުށްކުރީ ކޮންމެ ތަނެއްގައި ކަމުގައިވީ ނަމަވެސްް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ކަމުގައިވީ ނަމަވެސް، ބައިނަލްއަގްވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއް އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގެ މައްޗަށް ދަައުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަަށް ލިބިގެންވާ ކަމަށް
ފާހަގަކޮށްލެވޭ ކަމެއް- މިދިޔަ މަހު ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒް ވެސް ވަނީ، އިޒްރޭލާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ހަމާސްގެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ގާޒާގެ 2.3 މިލިއަން މީހުންނަށް ފެނާއި ކާބޯތަކެއްޗާއި ތެލާއި ކަރަންޓުގެ ސަޕްލައި ކަނޑާލާފަ އެވެ.
އިޒްރޭލާ ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު ދިވެހި ދައުލަތަަށް ލިބޭ: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ