ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރުވެސް މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން އެމަނިކުފާނު އިއުލާން ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑިއަށް އެމަނިކުފާނު ވާދަކުރައްވާނެކަމަށެވެ.
ގާސިމްވަނީ ސަރުކާރާއެކު ކޯލިޝަނެއް އޮތަސް އަދި ނެތަސް ޖުމްހޫރީ ޕާޓީން މި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެެ. ގާސިމް ވިދާޅުވީ ގާނޫނު ނެގެހެއްޓުމަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާ އެކު ހުންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒަށް ދެއްވާފައިވާކަމަށެވެ.
މަޖިލީހުގެ މާމިގިލި ދާއިރާ ގެ މެމްބަރު ގާސިމަކީ 19 ވަނަ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ އެއް މެމްބަރެވެ. ގާސިމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލިހުގައި ވެސް މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވައިފައެވެ. އަދި ގާސިމްއަކީ ހާއްސަ މަޖިލިހުގެ މެމްބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޤާސިމް އިބްރާހީމް ރައީސްއާ ބައްދަލުކުރައްވާފައިވާއިރު، ރައީސް ޑރ މުއިއްޒުގެ ކެބިނެޓަށް އަވަހަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ޤާސިމް މިފަހުން ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ