ޝަހީދު އިސްރާއީލްގެ ދިފާއުގައި ތެދުވުމުން ދިވެހިން ރަތަށް!

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތަކީ "ޓެރަރިސްޓުން" ކަމަށް ސިފަކުރައްވައި އިސްރާއީލްގެ ދިފާއުގައި ވާހަކަ ދެއްކެވި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ވަރަށް ގިނަ ދިވެހިންގެ ފާޑު ކިއުން އަމާޒު ވާން ފަށައިފިއެވެ.
މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި 1،403 މީހުން މަރާލި މައްސަލަ ކުށްވެރިކޮށް ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯއެއް އެކްސްގައި މިހާރު ވަނީ އާންމުވެފައެވެ.
 
ޝަހީދު ވިދާޅުވެފައި ވަނީ، އިސްރާއީލުގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާނެ ހާލަތު، އަދި ވަކީން ޚާއްސަކޮށް ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތަހައްމަލް ކުރައްމުންދާ ކެކުކުޅުންތައް އޭނާއަށް ހިޔާލަށް ވެސް ނުގެނެވޭ ކަމަށެވެ.
"ހަމާސް ޓެރަރިސްޓުން ހިންގާފައިވާ، ހިޔާލަށްވެސް ނުގެނެވޭ މިކަމަކީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން. އަދި މި ޖަރީމާތަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ. ދުނިޔޭގެ ލީޑަރުން މިކަން ކުށްވެރި ކޮށްފައިވާ ފަދައިން، މިއީ އެއްވެސް ޝަރުތެއް ނެތި ކުށްވެރިކުރަން ޖެހޭ ކަމެއް. އަހަރެންވެސް މި އަމަލު ކުށްވެރި ކުރަން." ޝަހީދު ވިދާޅުވިއެވެ.
އދ. ގެ ހާއްސަ ރެޕެޓުއާއެއް ކަމަށްވާ ޝަހީދު ވިދާޅުވި ގޮތުގައި މިފަދަ ޖަރީމާއެއް އަމާޒުވި ސަބަބކީ ޔަހޫދީންނާ މެދު އޮތް ނަފްރަތުގެ ސަބަބުންނެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ ހުރިހާ އެންމެންގެ ސަލާމަތަށް ދުއާ ކުރާ ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.
"އަހަރެން ދުއާ ކުރަން އަދި އެއްވެސް ޝަރުތެއް ނެތި އެ އެންމެން ދޫކޮށްލުމަށް ގޮވާލަން،" ޝަހީދު ވިދާޅުވިއެވެ.
ވިޑިއޯއާ ގުޅިގެން ފާޑު ކިއުން އަމާޒުވުމުން ވީޑިއޯ ފުރަތަމަ ޓުވީޓުކުރި އެކައުންޓުން މިހާރުވަނީ ވީޑިއޯ ޑިލީޓްކޮށްފައެވެ. އަދި ޝަހީދަށް ފާޑު ކިއާ މީހުން ދަނީ އޭނާ ބްލޮކް ކުރަމުންނެވެ. ވީޑިއޯ ޑިލީޓް ކުރި ނަމަވެސް އެކްސްގެ އެހެން އެކައުންޓްތަކުގައި އެ ވީޑިއޯ އަދިވެސް ދައުރުވެއެވެ.
ޝަހީދަށް ފާޑު ކިއާ މީހުން ބުނަމުން ދަނީ އޭނާގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށާއި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ވަމުންދާ ގޮތް ޝަހީދަށް ތަސައްވަރު ނުކުރެވޭ ކަމަށެވެ. އަދި ބައެއް މީހުން ދަނީ ޝަހީދު ރާއްޖެ އެރިޔަ ނުދިނުމަށް ވެސް ގޮވާލައިފައެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު އިސްރާއީލުން ދަނީ ފަލަސްތީނުގެ ޢައްޒާއަށް ބޮމުގެ ހަމަލާދީ، އެސިޓީއަށް ފެނާއި، ކާނާއާއި ބޭސް އަދި ތެޔޮ އެތެރެކުރުން ވެސް ހުއްޓުވައިފައެވެ. އިންސާނިއްޔަތު ކަމެއް ނެތް ޖަރީމާތައް އިސްރާއީލުން ހިންގަމުންދާ އިރު، ފަލަސްތީނުން މިހާތަނަށް 4،385 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގައި 14،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވިއެވެ.
ހަމާސް އިން ދިން ހަމަލާތަކުގައި އިސްރާއީލުން 5،000 އެއްހާ މީހުން ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި މިހާރު ފަރުވާ ދެނީ 299 މީހަކަށެވެ. އެ ތަނުން 49 މީހެއްގެ ހާލު ސީރިއަސް ކަމަށްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ