ފަހުމީ ވިދާޅުވި ގޮތުގައި ހަމައެކަނި އޮތް ވިސްނުމަކީ ރައްޔިތުންނަށް ހިދުމަތް ދެއްވުމެވެ. މުވައްޒަފުންނަށް ދޭން އޮތް މެސެޖަކީ ހުރިހާ މުވައްޒަފުން ގޮވައިގެން ކުރިއަށްދާން އާ މެނޭޖުމަންޓް އޮތީ ތައްޔާރަށެވެ.
އިންޓަވިއު ގަޑި ޖެހެންވީއިރު މި ހުރީ ގައުމީ ކަރަންޓު ކުންފުނި ހިންގުމުގައި މިވަގުތު ހުންނެވި އެންމެ އިސްވެރިޔާގެ ކޮޓަރި ކޮޅުގެ ދޮރުމަތީގަ އެވެ. އިރުކޮޅަކުން އެ ނުކުންނެވީ މިވަގުތު މި ކުންފުނި ހިންގެވުމާ ދާދި ދަހުން ހަވާލުވަޑައިގެންނެވި މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. ނުކުންނެވި ގޮތަށް އަތުން އިޝާރާތް ކުރައްވައި ވިދާޅުވީ މަޑުކޮށްލެއްވުމަށެވެ. އަދި ވިދާޅުވި އެވެ: "މި ބޭފުޅުން ވަރަށް މުހިންމު" އަދި އެތަނުގައި ތިއްބެވި އެހެން އާންމު ދެ މީހަކު އެމްޑީ ކޮޓަރި ކޮޅަށް ވެއްދި އެވެ. އެ މީހުން ގޮސް ތިބީ ކޮންމެ ވެސް ޝަކުވާއަކާއިގެންނެވެ. އެއީ ފަހުމީގެ އެންމެ ހާއްސަ ސިފަ އެވެ. އަބަދުވެސް ބޭނުންފުޅު ވަނީ ރައްޔިތުންގެ ޝަކުވާ އަޑު އައްސަވާ ބޭނުންތައް ފުއްދައި ދެއްވާށެވެ. އެމީހުންގެ ޝަކުވާތައް އަޑު އައްސަވައި އެއަށް ގެނެވޭނެ ހައްލެއް ހޯއްދުމަށެވެ. ސްޓެލްކޯ އަށް 1996 އިން ފެށިގެން ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީގެ 25 އަހަރަށްވުރެ ދިގު ހިދުމަތުގެ ތާރީހުގައި ކުންފުނީގެ މުވައްޒަފުން ފަހުމީ ދަންނަވީ ވެސް އެ ގޮތުގަ އެވެ.
އަބަދު ވެސް ކޮންމެ މުވައްޒަފަކާ ވެސް ވާހަކަ ދައްކަވާނީ ހިނިތުންވެ ވަޑައިގެން ހުންނަވަ އެވެ. އެންމެންނާ ވެސް ގުޅޭނެ އެވެ. ސްކޫލް ދައުރު ނިންމުމަށްފަހު އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ތަނަކީ ކަރަންޓު ކުންފުންޏެވެ. މަތީ ތައުލީމް ކިޔަވައި ވިދާޅުވީ ސްޓެލްކޯގެ ސްކޯލާޝިޕެއްގަ އެވެ. އެކައުންޓިން އާއި ފައިނޭންސިން ހާއްސަ ފަހުމީއަކީ ކުޅަދާނަ އޮޓިޑަރެކެވެ. ރާއްޖޭގައި މީހުން މަދު އެ ދާއިރާއިން 11 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަހުމީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކުންފުނިން އުފެއްދި މި ކުންފުނީގެ މޮޅު "ޕްރޮޑަކްޓް" އެކެވެ. މޮޅު އުފެއްދުމެކެވެ.
"އަޅުގަނޑު މި ކުންފުނި ވަރަށް ރަނގަޅަށް ދަންނަން. މި ކުންފުނީގެ މުވައްޒަފުން ދަސް ކުރާކަށް ނުޖެހޭނެ. އެ މުވައްޒަފުން ވެސް އަޅުގަނޑު ދަސް ކުރާކަށް ނުޖެހޭނެ. އެހެންވެ މަގުސަދަކީ އެއްވެސް މުވައްޒަފަކު ބާކީ ނުކޮށް ކުލައަކަށް ނުބަލާ ހުރިހާ މުވައްޒަފުން ގޮވައިގެން ވެސް ރައްޔިތުން ބޭނުންވާ ހިދުމަތް ދިނުން،" އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ފަހުމީ ވިދާޅުވި އެވެ.
ފަހުމީ އެންމެ ފުރަތަމަ ސްޓެލްކޯގެ ވަޒީފާއަށް ގުޅިވައިގެންނެވި އިރު އޭނާއަކީ ފުރާވަރުގެ ޒުވާނެކެވެ. މިހާރު ދެ ކުދިންގެ ބައްޕަ ކަރަންޓު ކުންފުނީގައި ފުރަތަމަ ވަޒީފާ ފެއްޓެވީ އެންމެ ތިރީ އެންމެ އާދައިގެ ޓްރެއިނީއެއްގެ ގޮތު އެވެ. އޭގެ ފަހުން އެކައުންޓް އޮފިސަރެއްގެ މަގާމުގައި ހުންނަވަނިކޮށް ކުންފުނީގެ ހަރަދުގައި ކިޔަވަންދާން ލިބި ވަޑައިގެންނެވި ފުރުސަތަކީ ސްޓެލްކޯގައި ކުރި އަރަން ފަހުމީ އަށް ލިބިވަޑައިގަތް އެންމެ ބޮޑު ފުރުސަތެވެ.
މި ކުންފުނީގެ 25 އަހަރުގެ ހިދުމަތުގެ ތާރީހުގައި ފަހުމީގެ ހަނދާނުން ނުފިލައި އޮތް ދުވަހަކީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ ސުނާމީ އެރި ދުވަހެވެ. ޑިސެމްބަރު 26، 2004 ވަނަ ދުވަހެވެ. ސުނާމީގެ ރާޅުތައް މާލެ ވަށައި އޮތް ބޮޑު ތޮށި މަތިން އެތެރެ އަށް ބަންޑުކޮށްކޮށްލައި ކަރަންޓު ކުންފުންޏަށް ވެސް ގެއްލުން ވެގެން ދިޔަ އެވެ. ކަރަންޓު ކުންފުނީގެ ބައެއް އިންޖީނު ތަކަށް ގެއްލުންވެ ބޮޑު އިންޖީނުގޭގެ ފާރެއް ވެސް ވެއްޓުނެވެ.
އޮތީ ސުވާލެކެވެ. ފަހުމީގެ އެމްޑީ ކަމުގައި ކުންފުނީގެ މުސްތަގުބަލު ކުރަހާނީ ކިހިނެއް ހެއްޔެވެ؟ ކުންފުނީގެ މުވައްޒަފުންނާއި ރައްޔިތުންނަށް އުންމީދެއް އެބައޮތް ބާ އެވެ؟ ފަހުމީ ވެސް ކަންތައް ކުރައްވާނީ އެހެން ބޭފުޅުން ވެސް ކަންތައް ކުރެއްވި ގޮތަށް ކުންފުނީގެ އިމޭޖު ގެއްލި ކުންފުނީގެ ނަން ހަޑިވާ ގޮތަށް ހެއްޔެވެ؟
އެމްޑީގެ މެސެޖު ވަރަށް ސާފެވެ. އޭނާ އެއްވެސް މުވައްޒަފަކަށް ދެރަ ގޮތެއް ވިޔަކަ ނުދެއްވާނެ އެވެ. ހިދުމަތް ކުރަން ތިބެ ސްޓެލްކޯގެ ވެއިލު ހިފަހައްޓާ ނަމަ ކޮންމެ މުވައްޒަފަކަށް ވެސް ސްޓެލްކޯ އިން ކިޔާނީ މަރުހަބާ އެވެ. ހިދުމަތް ކުރަން ތިބިހާ ދުވަހަކު އެ މުވައްޒަފުން މަގުމަތި ވިޔަކަ ނުދެއްވާނެ އެވެ. ކުންފުނީގެ ތެރޭގައި "ސިޔާސީ ގޭމް" ކުޅުން ނިމުނީ އެވެ. އޭނާގެ ވިސުންފުޅު ހުރީ މުވައްޒަފުންނާއެކު ހިދުމަތް އެހެން ހަރުފަތަކަށް އުފުލާށެވެ. އެ ވިސްނުން އޭނާގެ ސިކުނޑީގައި އެބަ ހުއްޓެވެ. ފަހުމީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ދިވެހި ސިފައިން ބޭނުން ކޮށްގެން މުޅި ސްޓެލްކޯ އަށް ލީޑަޝިޕް ތަމްރީން ތަކެއް ދޭށެވެ. މި ތަމްރީންތަކުގައި ފުރަތަމަ ބައިވެރިވެ ވަޑައިގަންނަވާނީ ފަހުމީ އެވެ. ބޭނުމަކީ އަންނަން އޮތް ޖީލަށް ސްޓެލްކޯ ތައްޔާރު ކުރުމެވެ. މިހާރު ތިބި މުވައްޒަފުންގެ ތެރޭން ވެސް ވެރިން ހޯދުމެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ ވެރިންނަށް ހަމަޖައްސަވާފައި ތިބީ ހުސް ސްޓެލްކޯގައި ކުރިން އުޅުވާފަ ތިއްބެވި ބޭފުޅުން. އެހެންވެ މި ކުންފުނި ހިންގަން ލިބިގެން ދިޔަ ބޮޑު ފަސޭހައެއް. އަޅުގަނޑުމެ ބޭނުންވޭ ލީޑާޝިޕް ތަމްރީން ހުރިހާ މުވައްޒަފުންނަށް ދޭން. އެކަން ކުރާނީ އެމްއެންޑީއެފްއާ ގުޅިގެން. މި ކަމުން ބޮޑު ތަފާތެއް އަންނާނެ. މިހާތަނަށް ތަޖުރިބާއަކީ މުޅި މައިންޑްސެޓް ބަދަލު ވާނެ. ގައުމަށް ހިދުމަތް ކުރުމުގެ ރޫހާއި ގައުމީ ލޯބި އިތުރު ވާނެ،" ފަހުމީ ވިދާޅުވި އެވެ. މި ޕްލޭންގެ އިތުރުން ހިދުމަތުގެ ގޮތުން ކުންފުނި ދެމެހެއްޓޭނެ ޕްލޭން ތަކެއް ވެސް ފަހުމީގެ ސިކުނޑީގައި އެބައޮތެވެ. ކުރިއަށް އޮތްތަނުގައި އެ ވާހަކަތައް އެނގިގެން ދާނެ އެވެ. ސްޓެލްކޯގެ ކަސްޓަމަރުން ދިވެހި ރައްޔިތުންނަށް ދޭން އޮތް މެސެޖެކީ ރައްޔިތުންނާ ނުލައި މި ކުންފުންޏެއް ނޯންނާނެ އެވެ. ސްޓެލްކޯގެ ދިގު ތާރީހު ލިޔެވެނީ ރައްޔިތުންގެ ސަބަބުންނެވެ. އެހެންވެ ފަހުމީގެ ފުރަތަމަ އިސްކަމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. ކަރަންޓުގެ ހިދުމަތުގައި ރައްޔިތުންނަށް ދިމާވާ ދަތިތަށް ހައްލު ކޮށްދިނުމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސްޓެލްކޯ ފަހުމީ: ކަރަންޓު ކުންފުނީގެ މޮޅު އުފެއްދުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ