ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ޒައިންގެ ކޮންސަޓްތައް ނުބޭއްވުމަށް ނިންމައިފި
ބަލިހާލަތު ހުރިގޮތުން ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު، އިނގިރޭސި ލަވަކިޔުންތެރިޔާ ޒައިން މާލިކް އޭނާގެ "ކޮންނަކޯލް" ޓުއާގައި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ކޮންސަޓްތަކެއް ކެންސަލްކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ޒައިންގެ އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ އާ އަލްބަމް ނެރުމާ ގުޅިގެންނާއި، އަދި ވަކިން ހާއްސަކޮށް އޭނާގެ ސިއްހީ ހާލަތަށް އެދި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ފޮނުވި ހެޔޮ އެދުންތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިހާރު ގޭގައި އަރާމުކުރަމުންދާ ކަމަށާއި، ކުރިއަށްވުރެ ގަދަކޮށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފައެވެ. "ކުރިއަށް އޮތް މަސްތަކުގެ ތާވަލަށް ބަލައި، 'ކޮންނަކޯލް' ޓުއާގެ ޝޯތަކުގެ އަދަދު މަދުކުރަން ވަނީ މަޖުބޫރުވެފައި،" އުމުރުން 33 އަހަރުގެ ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނިގޮތުގައި، ވީހާވެސް ގިނަ ފޭނުންނާ ބައްދަލުކުރުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ. ޒައިން ކުރީގެ ލޯބިވެރިޔާ އަދި ދަރިފުޅާ އެކު--ފޮޓޯ/ހޮލީވުޑްރިޕޯޓަ ޒައިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ އޭނާގެ އާ އަލްބަމް "ކޮންނަކޯލް" ނެރުނު ދުވަސް ވެސްމެއެވެ. ނަމަވެސް އޭނާއަށް ދިމާވީ ކޮން ސިއްހީ މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ. ހޮސްޕިޓަލުގެ އެނދުގައި އޮވެ ނަގާފައިވާ ފޮޓޯއަކާ އެކު ޒައިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ބަލިން ފަސޭހަވަމުން އައި ނަމަވެސް، މި ހަފުތާގައި ފޭނުންނާ ބައްދަލު ނުކުރެވޭތީ ވަރަށް ދެރަވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ދިން އެހީތެރިކަމަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މިދިޔަ ފެބުރުވަރީ މަހު ޒައިން އިއުލާނުކުރި މި ޓުއާގައި އެމެރިކާގެ ފިލަޑެލްފިއާ، ޗިކާގޯ، ސެން ޑިއޭގޯ އަދި ސެން ފްރެންސިސްކޯ ހިމެނޭހެން ތަފާތު ސިޓީތަކެއްގައި ޝޯތައް ބޭއްވުމަށް އޮތީ ރޭވިފައެވެ. މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން" ގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ބޮޑޫ މަޝްހޫރުކަމެއް ލިބުނު ޒައިން ފަހުން ވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ފަށާފައެވެ. މަޝްހޫރު މޮޑެލް ގިގީ ހަދީދް އާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ލަވަކިޔުންތެރިޔާ އަކީ އޭނާގެ ރީތި ސިފަ އާއި އަޑުގެ ރީތިކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑޫ މަޝްހޫރުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ