ދެވަނަ ފިޔަވަހީގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވައިފި

އަމިއްލަ ފަރާތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރި މިސްކިތް ހުޅުވައިފި އެވެ.ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ނިމޭ ކޮޅުގައި މި މިސްކިތް އިމާރާތްކުރި ފަރާތުގެ ނަން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ތިން ބުރީގެ މި މިސްކިތް އެޅީ މާލޭގެ މަޝްހޫރު އާއިލާއަކުންނެވެ. މިއީ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ހާއްސަ ތަނެއް ކަނޑައަޅާފައިވެ އެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދާފައިވާއިރު މިސްކިތް ބިނާކޮށްފައިވަނީ، އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ.މިސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާހާނާ ހަދާފައިވާއިރު، އޭގެތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް 2 ފާހާނާ ހަދާފައި ވެއެވެ.އަދި މި މިސްކިތުގައި ވުޟޫކުރުމަށް ޚާއްސަ ބައެއްވެސް ހަދާފައި ވެއެވެ.ހުޅުމާލޭ 2ގައި މިހާރު ގިނައީ ވަގުތީ މިސްކިތްތަކެވެ. އެހެންވެ، އެ ސަރަހައްދުގައި ދާއިމީ މިސްކިތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ