ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި ރައޫފާއި ސުލޫކީ މައްސަލައެއް ސާބިތުވި ޝުޖާއު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފި

ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ފަނޑިޔާރުކަން 10 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި އަބްދުއްރައޫފު އިބްރާހިމް ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވަފިއެވެ. ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އިއުލާނުކުރީ، ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެން ދެ މަގާމު ހުސްވުމުންނެވެ. ދެ މަގާމަށް އެދި ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފައިވީ ނަމަވެސް ކުރިމަތިލީ މީހުންގެ ނަންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެކަމަކު، މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު އަދި ރައޫފު ހިމެނޭހެން 19 މީހަކު ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާފައެވެ. ރައޫފަކީ 10 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގައި މަސައްކަތް ކުރުމަށް ފަހު، ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދިން މީހެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު، ރައޫފު ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާފައެވެ. އެކަމަކު، ކެޔޮދޫ ދާއިރާގެ އިންތިހާބުން ރައޫފަށްވީ ނާކާމިޔާބެވެ. ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަކީ މި ފަހުން ހައިކޯޓު އަދި ސުޕްރީމް ކޯޓަށް އިއުލާނުކުރި ކޮންމެ ފަހަރަކު ވެސް ކުރިމަތިލީ ބޭފުޅެކެވެ. ސުލޫކީ މައްސަލަތަކެއް ސާބިތުވެ، މަގާމުން ވަކިކުރަން ނިންމުމުން އިސްތިއުފާ ދިން ޝުޖާއު ވަނީ މި ފަހުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. https://sun.mv/209418 ހައިކޯޓުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ޖޭއެސްސީން މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރަން ނިންމުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ގިނަ ބަޔަކު އެ ކަމާ ނުރުހުން ފާޅުކުރަން ފެށުމުން ޝަހީދު އަމިއްލައަށް ނަން ނެގީ ޖޭއެސްސީން އޭނާ އައްޔަންކުރަން ވެސް ނިންމި ފަހުން މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހެވެ. ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް އިއުލާނުކުރީ އޭނާ ވަކިވި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ