އިންތިޚާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ކަމަށް ބުނެ، އެމްޑީޕީން އޭސީސީއަށް

ލޯކަލް ކައުންސިލު އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނުބަލާ ކަމަށް ބުނެ، އެ ކޮމިޝަނުގެ ވެރިންނާ ބައްދަލުކުރުމަށް އިދިކޮޅު އެމްޑީޕީން ހިނގައްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބަށް ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް، އެ މައްސަލައިގައި އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސްފައެވެ. އެއަށްފަހު އެ ޕާޓީގެ މެންބަރުން ގޮސްފައިވަނީ އޭސީސީއަށެވެ. އޭސީސީގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ، ކައުންސިލު އިންތިޚާބު ބޯމަތިވެފައި އޮއްވައި ސަރުކާރުން ރިޝްވަތު ހުށަހަޅައި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށާއި އޭސީސީއަށް ހުށަހަޅައިފައިވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމުން އޭސީސީއަށް ދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެންގިކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންވެ، އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކަމަށް، ސަލީމް ވިދާޅުވިއެވެ. "އަސްލުގަ ވާގޮތަކީ މި ހުރިހާ އެންމެންވެސް ބޭނުންވަނީ ބޯދަމައިގަނެގެން ސަރުކާރު ލައްވާ ވައްކަން ކުރުވައި، ވޯޓަށް ނުފޫޒު ފޯރުވައި، [ރައީސް ޑރ. މުޙައްމަދު] މުއިއްޒު ބޭނުންވާ ނަތީޖާއެއް ހާސިލްކުރުވަން، މި ހުރިހާ މިނިވަން މުއައްސަސާތަކަކުން މިތިބީ އަމާންދީގެން އެކަމަށް މަގުފަހިކޮށްދީގެން،" އޭނާ ވިދާޅުވިއެވެ. ކޮރަޕްޝަނުގެ މައްސަލަތައް ނުބަލާ ކަމަށް ބުނެ އޭސީސީއަށް ދިޔުން -- ފޮޓޯ/ އެމްޑީޕީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން ޢަލީ ނިޔާޒު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރީ ނުބައި ދިމާލަކަށް ކަމަށާއި، މިއަދު ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު މެދުވެރިކޮށް ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބޭނުން ބަދަލުތަކެއް ގެންނަ މަންޒަރު ކަމަށެވެ. ނިޔާޒު ވިދާޅުވީ، ކައުންސިލު އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ. "އެންމެ ކުޑަމިނުން ކޮބައިތޯ ނޫސްބަޔާން؟ ބަޔަކު ކަންބޮޑުވެގެން އުޅޭ ކަމުގެ ވާހަކަ ދައްކަންވެސް ވާނެ، މި ބޭފުޅުންގެ އަމަލުތައް ހުންނަގޮތުން ވަރަށް ސްމޫތުކޮށް ވަރަށް ރަނގަަޅަށް ހިނގާ އިންތިޚާބެއް، ނޫން، މިއަދު ވަޒީފާ އެބަ ބަހާ، މިއަދު ޕްރޮޖެކްޓު އެބަ ހިންގާ، މިއީ މި ބޭފުޅުން ބަލަންޖެހޭ ކަންތައްތައް، އަދި އިންތިޚާބާ ދިމާނުވިޔަސް،" ނިޔާޒު ވިދާޅުވިއެވެ. އޭސީސީއަށްފަހު އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނަށް ދާނެ ކަމަށް ވިދާޅުވެ، ނިޔާޒު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ފޮނުވި އަތްމަތީ ފޮތާއި، އޮފިޝަލުންގެ ތަމްރީނު ޕްރޮގްރާމުގައި ދޭ މައުލޫމާތު ތަފާތު ކަމަށެވެ. އާންމުންނަށް އަޅައި ނުގަންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލަން މަސައްކަތްކުރާ ކަމަށް، އޭނާ ތުހުމަތުކުރެއްވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް ސަރުކާރަށް ކުރެވޭ އެކި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބެލުމާ ގުޅޭ ގޮތުން މިހާތަނަށް އޭސީސީން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. 'ސަން'އިން ވަނީ، އިންތިޚާބަށް ތައްޔާރުވުމަށް ކުރާ ކެމްޕެއިންގެ ތެރެއިން ނުފޫޒު ފޯރުވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދާއި، މައްސަލަތައް ހުށަހެޅި ވަކިވަކި ބާވަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އޭގެ އިތުރުން، އޭސީސީއަށް ފާހަގަވެގެން ވަކިން އެއްވެސް މައްސަލައެއް ބަލަން ފަށައިފައިވޭތޯއާއި އެއްވެސް ފިޔަވަޅެއް ވެސް އަޅައިފައިވޭތޯ ވާނީ ސުވާލުކޮށްފައެވެ. މި ނޫހުން އިއްޔެއާއި މިއަދުވެސް ވާނީ އެ ސުވާލުތަކަށް އޭސީސީގެ ޖަވާބަކަށް އެދިފައެވެ. ނަމަވެސް އޭސީސީން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. https://sun.mv/219982 ކައުންސިލު އިންތިޚާބަށް ކުޑަތަންވެފައި އޮއްވައި، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި އެއްކޮށް ކަނޑައިލައިފައެވެ. އޭގެ އިތުރުން، ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ ދިނުމަށްވެސް ރައީސް ވަނީ، މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ ނިންމަވައިފައެވެ. އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވަޒީފާތަކަށްވެސް ހުޅުވައިލައިފައިވެއެވެ. އިންތިޚާބުތަކާ ގާތްކޮށް އާންމުންނަށް ލުއިތައް ދިނުމުގެ އިތުރުން، މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެއެވެ. https://sun.mv/219984 ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ. އިންތިޚާބުތަކާ ގުޅުވައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ. އެގޮތުން، ވަޒީފާއާއި ފައިސާ ބެހުން ފަދަ ކަންކަމުގެ ތުހުމަތު ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ