އައްޑޫގައި ބާރަށް ދުއްވި ކާރެއް ފުރޮޅާލައި، ހަތަރު މީހަކަށް އަނިޔާވެއްޖެ
އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި މިއަދު ބާރަށް ދުއްވި ކާރެއް ފުރޮޅާލައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، ހިތަދޫގައި ކާރު އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު ހަވީރު 16:50 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އައްޑޫގައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން މީގެ ކުރިން ވެސް ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގައިފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް އެކްސިޑެންޓުތަކެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބި، ފުރާނަ ގެއްލިފައި ވެސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ