ކުރުނބާތަކަކާއި އަލަ ގޯންޏަކަށް ފަހު، ވަގަށް ނަގައިގެން މި ފަހަރު ވެރިފަރާތް ހޯދަނީ ބަނބުކެޔޮތަކެއްގެ

މިއަދު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބަނބުކެޔޮތަކެއްގެ ވެރިފަރާތް ހޯދަން އައްޑޫ ޕޮލިހުން އިއުލާނުކޮށްފިއެވެ. އައްޑޫގައި ކުދި ވައްކަންތައް ވަރަށް އާންމުކޮށް ހިނގައެވެ. އެގޮތުން، ވަގަށް ނަގާފައިވާ ކެޔޮގަނޑުތަކާއި، ކުރުނބާ އިހާތަކުގެ ވެރި ފަރާތް ހޯދަން ވެސް އެކި ފަހަރު މަތިން އިއުލާނުކުރިއެވެ. މީގެ އިތުރުން، ބަށިތަކަކާއި އަލަގޯންޏަކާއި ވަގަށް ނެގި އޭސީއަކާއި، ވޯޓާ ޑިސްޕެންސަރެއްގެ އިތުރުން ދެ ސްޕީކަރު ހޯދަން ވެސް މީގެ ކުރިން އިއުލާނުކޮށްފައިވެއެވެ. އޭގެފަހުން މިއަދު އައްޑޫ ޕޮލިހުން ވަނީ، 20 ބަނބުކޭލުގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފައެވެ. އެއީ، މިއަދު މެންދުރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ކަމަށާއި އެ ބަނބުކެޔޮތައް ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އައްޑޫ ޕޮލިހުން ބުނެފައިވެއެވެ. https://sun.mv/217281 ފުލުހުން ވަނީ، އެ ތަކެތީގެ ވެރިފަރާތުން 125އަށް ގުޅައި، ބަނބުކެޔޮތަކާ ހަވާލުވާން އެދިފައެވެ. މާލެ ސަރަހައްދުގައި ވެސް ވައްކަންތައް ގިނަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 393 މައްސަލައެއް މިހާތަނަށް ފުލުހަށް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ