ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ކްލަބް އީގަލްސް 2-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
މި ގްރޫޕްގެ ފުރަތަމަ މެޗުން ނިއު އާއި އޮޑި ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި، ދެ ވަނަ މެޗުން ނިއު މިއަދު މޮޅުވުމާ އެކު، ހަތަރު ޕޮއިންޓް ހޯދައި، ސެމީ ޔަގީންކުރީ އެވެ. ބާރަ ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ނިއުއާ އެކު، މި ގްރޫޕުން ދެން ސެމީގެ ޖާގަ ހޯދާނެ ޓީމެއް އެނގޭނީ، 2016 ވަނަ އަހަރުގެ ޗެމްޕިއަން، އީގަލްސް އާއި މުޅިން އަލަށް މި މުބާރާތުގައި ކުޅޭ އޮޑި މެޗުންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ވަނީ 13 ވަނަ މިނިޓް ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއިން އެ ޓީމުގެ ނައިޖީރިއާގެ ފޯވާޑް، އަލްހާޖީ ގޭރޯ ކޮންޓްރޯލް ކޮށްލި ބޯޅައެއް އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ޑަ ސިލްވާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ސިއެރަ ލިއޯން ޑިފެންޑަރު، މާވިން ލެބީ ފައިގައި ޖެހިފަ އެވެ.
ނިއު އިން ލީޑުނެގި ނަމަވެސް އޭގެ ފަހުން ކުޅުން ރަނގަޅުކޮށް ފުރުސަތުތައް ތަނަވަސްކުރީ އީގަލްސް އިންނެވެ. އެ ގޮތުން، ފުލުފުލުގައި އީގަލްސްގެ ހަމަލާތައް ފެނުނީ ކޯނަރުތަކުންނެވެ. އެއް ކޯނަރުގައި ހުރަސްވި ބޯޅައަކުން ޝަމްވީލް ގާސިމް (ބޮންޑާ) ބޮލުން ފޮނުވާލި ހަމަލާ ނިއުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އަދި، އަނެއް ކޯނަރުގައި، އީގަލްސްގެ އިސްމާއިލް އީސަ (މެސީ) ބޮލުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ނިއުގެ އިބްރާހިމް މައިޝާން (މައި) އެވެ.
މެޗުގައި ނިއު އަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ ގޭރޯ، އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅަ ބޭރުވީ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން އަތުގައި ޖެހި، ހުރަސްދަނޑީގައި ވެސް ޖެހިފަ އެެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އީގަލްސް އިން ވަނީ އެއްވަރުކޮށްފަ އެވެ. އެ ގޮތުން، އީގަލްސް އިން މި ލަނޑު ޖެހީ ކޯނަރެއްގަ އެވެ. އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނެގި ކޯނަރުން މި ލަނޑު ޖެހީ ހިސާމް ސަލީމް (ކޮކީ) އެވެ.
ދެ ވަނަ ހާފު ފަށައިގެން އީގަލްސް އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، މެޗުގެ 53 ވަނަ މިނިޓްގައި، ނިއުގެ އޭރިއާތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރިއިރު، ދެ ވަނަ ފަހަތުން ލިބުނު ފުރުސަތުގައި ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ ތިން މިނިޓް ފަހުން، ނިއު އިން ވަނީ ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން އޭރިއާތެރެއިން ޑަ ސިލްވާ ވަނީ ގޯލު ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއު އިން ލީޑުނެގިތާ ދެ މިނިޓެއް ފަހުން، ފޭދޫ އިއްބެ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ޝޮޓް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މެޗުގައި ނިއު އިން ތިން ވަނަ ލަނޑެއް ޖަހައި، ނަތީޖާގެ ފަރަގު ބޮޑުކުރަން ގޭރޯ އަށް ލިބުނު ފުރުސަތުގައި، ކީޕަރު އަޝްވާން ކައިރިން ނައްޓާފައި، ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ބަދަލަކަށް ނުކުމެ އަލީ ފާސިރު (ސެންޓޭ)، އޭރިއާބޭރުން ފޮނުވާލި ބޯޅަ ކީޕަރު އަޝްވާން ވަނީ އަތަށް ނަގައިފަ އެވެ. އަދި، ފަހުން އޭރިއާތެރެއިން ސެންޓޭ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އީގަލްސް ބަލިކޮށް ނިއު ރޭޑިއަންޓުން ޕްރެޒިޑެންޓްސް ކަޕް ސެމީ އަށް އީގަލްސް ބަލިކޮށް ނިއު ރޭޑިއަންޓުން ޕްރެޒިޑެންޓްސް ކަޕް ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ