ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ހިންގާ "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް ދެ ނެޓްވޯކެއްގެ ބޮޑުން ހައްޔަރުކުރިއިރު އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުން ހިމެނިއްޖެ އެވެ.
އައްޑޫ ސިޓީގައި މިދިޔަ މަހު 3، ގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ހޯދާ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަލީ ނަދީމް ހިމެނެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ނެޓްވޯކްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހަކަށް ވެސް ފުލުހުންނަށް ތުހުމަތުކުރެވެނީ ނަދީމް އެވެ. އޭނާއަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރި މީހެއްކަމުން އޭނާއަށް އެ މަގާމު ދިނީ އެވެ.
ނަދީމްއަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ދިން ފަހުން މާރާމާރީއެއްގެ މަައްސަލައެއްގައި އެނާ ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ނަދީމް ދޫކޮށް މަސްތުވާތަކެތީގެ މައްސަލައިގައި އޭނާ ހައްޔަރުކުރުމާ ހަމައަށް ވެސް މަގާމުން ވަކިކޮށްފައި ނުވެ އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ނަދީމް ހިމެނޭ ޑްރަގް ނެޓްވޯކުން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ހޯދާ ފައިސާ ލޯންޑާކުރަމުންނެވެ.
އެ ނެޓްވޯކްގެ މައްސަލަ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ފުލުހުން ބަލަން ފަށާފައިވާއިރު، ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި އެ ނެޓްވޯކްގައި ހިމެނޭ ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަނައަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހްމަދު އަނާމް އިބްރާހިމް އެވެ.
އެ ނެޓްވޯކްގައި ހިމެނޭ އަހްމަދު މަދީހު ވަނީ ގއ. ވިލިނގިލީގެ ޕީއެންސީ ޒުވާނުންގެ ރައީސްގެ މަގާމަށް ވާދަކޮށް ނާކާމިޔާބުވެފަ އެވެ. އޭނާ ވަނީ މި ސަރުކާރުގައި އާރްޑީސީ ގއ. ވިލިނގިލި ބްރާންޗުގެ ސީނިއާ ސައިޓް މެނޭޖަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.
ފުލުހުން ބުނީ 2015 އިން ފެށިގެން މަސްތުވާތަކެތި ވިޔަފާރިކޮށް، ހޯދާ ފައިސާ ލޯންޑާކުރާ އެ ނެޓްވޯކްގައި ހިމެނޭ ހަތަރު މީހުންގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އަދި ހަތަރު ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ.
މިގޮތުން އަނާމްގެ އެކައުންޓުގައި 38.8 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، އޭނާގެ މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ. ކަމަށް ފުލުހުން ބުންޏެވެ. އެ މުއައްސަސާއިން ބުނީ މަދީހުގެ އެކައުންޓުން 17.1 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 430,638.99ރ. ކަމަށެވެ.
މިގޮތުން ފުލުހުން ދެ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ސިޔާސީ މުވައްޒަފުން ހިމެނެ އެވެ. އެ ދެ ސިޔާސީ މުވައްޒަފުންނަކީ ކޮންމެ ނެޓްވޯކެއްގެ ވެސް އެންމެ އިސް މީހާ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސްތުވާތަކެތި ވިޔަފާރިކުރާ އެކި ގްރޫޕްތަކުން ފަންޑުކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުތައް އޮތީ މާކުރިން ވެސް އަމާޒުވެފަ އެވެ. އެ ތުހުމަތުތައް އަމާޒުވެފައިވަނިކޮށް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެ މީހުންނަށް ސިޔާސީ މަގާމުތައް ވެސް ދިނެވެ.
ބޮޑެތި ޑްރަގު ނެޓުވޯކުތަކުގައި ސިޔާސީ މުވައްޒަފުން! ބޮޑެތި ޑްރަގު ނެޓުވޯކުތަކުގައި ސިޔާސީ މުވައްޒަފުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ