ފުޅާދާއިރާއެއްގައި މަސްވެރިކަން އާލާކުރުމުގެ މަސައްކަތްކުރާ ކ. މަނިޔަފުށީ، ބިޑަކާ ނުލައި ސަރުކާރުން ބަޔަކަށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ގަފޫރު މިހެން ވިދާޅުވީ، އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެތަން ދިނީ ކޮން ބަޔަކަށް ކަމެއް އަދި ވިއްކާލި އަގެއް ގަފޫރު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް އަޑުއިވޭ އެބަ މާލޭ ކައިރީގައި އޮތް މަނިޔަފުށި ކިޔާ ރަށެއް. އެއީ އެގްރިިކަލްޗާ މިނިސްޓްރީގެ ބޭނުމަށް މިއޮތްހާ ދުވަހު ބާއްވާފައި އެތައް ދިރާސާތަކެއް ކުރަމުންދިޔަ ރަށެއް. އެއްވެސް ބިޑުކުރުމެއްނެތި، ރައްޔިތުންނަށް އެނގުމަކާނުލައި އެރަށް މިހާރު ވަނީ ބަޔަކަށް ދީފައި،" ގަފޫރު ވިދާޅުވި އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ގަފޫރު ވިދާޅުވީ، ރައްޔިތުންނަށް އެގުމަކާނުލައި އެކަން އެގޮތަށް ކުރީމާ ރައްޔިތުން އެވާހަކަދައްކައި އެ ޝަކުވާ ކުރާނެ ކަމަށާއި އެކަންކަމަކީ ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަންކަން ކަމަށެވެ.
އެނގުން މުހިންމު - ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި، އެތަން ދީފައިވަނީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށެވެ. އެކަމަކު މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް މަނިޔަފުއްޓަކީ، އެ މިނިސްޓްރީގެ މެރިން ރިސާޗް ސެންޓަރު ހިންގަމުންދާ ތަނެކެވެ.
ބިޑަކާނުލައި މަނިޔަފުށި ބަޔަކަށްދިން ކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ