ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިމެޗު ބާސެލޯނާއިން ކާމިޔާބުކުރީ 3 - 2 ގެ ހަނި ތަފާތަކުންނެވެ.
ޖުމްލަ 16 ވަނަ ފަހަރަށް މުބާރާތުގެ ތަށި ހިއްލާލާ ބާސެލޯނާއިން ރެކޯޑް ހެދިއިރު ބާސެލޯނާއިން މިއީ ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ސުޕަ ކަޕެވެ.
ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ފަހުދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސެލޯނާއިންނެވެ. 36 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފީނިއާ އެވެ. މިމެޗުގައި މޮޅު ކުޅުމެއް ރަފީނިއާގެ ފަރާތުން ފެނުނުއިރު މިލަނޑުގެ ކުރިން ވެސް އޭނާއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.
ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ދެއްކި އިތުރު ވަގުތުގެ 5 މިނެޓުގެ ތެރޭގައި ޖުމްލަ 3 ލަނޑު ފެނިގެން ގޮސް މެޗުގެ ފޯރި ވަރަށް ގަދަވި އެވެ. އިތުރު ވަގުތު ދެވަނަ މިނިޓުގައި ރެއާލްގެ ކުޅަދާނަ ބްރެޒިލް ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ބާސާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.
އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ބާސާގެ މިޑްފީލްޑަރު ޕެޑްރީގެ އެސިސްޓަކުން ކާމިޔާބުކުރި ލަނޑުން ބާސާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ.
އެހެންނަމަވެސް މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ އޭގެ ތިން މިނެޓުފަހުން ގޮންޒާލޯ ގާސިއާ ކާމިޔާބުކުރި ލަނޑުންނެވެ. ރެއާލަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްދިނީ އޭނާގެ ލަނޑުންނެވެ.
މެޗުގައި ބާސާގެ ތިންވަނަ ލަނޑު އަދި އެޓީމަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ރަފީނިއާ އެވެ. މިމެޗުގައި ބާސެލޯނާގެ ކެޕްޓަން ފްރެންކީ ޑި ޔޮންގް އަށް ވަނީ މެޗުގެ އިތުރު ވަގުތުގައި ރަތް ކާޑެއް ދައްކާ ދަނޑުން ވެސް ފޮނުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ