ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ލަންކާ ހައި ކޮމިޝަނަރުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި

ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތް ކަމަށް ބުނެ، ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު މަސްއޫދު އިމާދުގެ މައްސަލައިގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ސުވާލުކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ. މި މައްސަލައަކީ ދިގު މުއްދަތަކަށް ލަންކާއަށްދާ ދިވެހީންނަށް ވިސާ ލިބުން ދަތިބެ، ހައި ކޮމިޝަނަރު އެ ގައުމުގެ މީޑިއާއަކަށް އިންޓަވިއުއެއް ދެއްވިއިރު ދެއްކެވި ވާހަކަތަކާ ގުޅޭ މައްސަލައެކެވެ. އެ އިންޓަވިއުގައި އޭނާ ވަނީ 'ދޮންމަންމަ'އަކު ކަންކުރާ މޭރުމުން ދިވެހީންނާ މެދު ކަން ކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، 'ދޮން މީހުންނާ'އި ދިވެހީންނާ ތަފާތުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ. ހަމައެއާއެކު ލަންކާގެ އިމިގްރޭޝަންސް އޮފިސަރުން ކޮރަޕްޝަން ހިންގާކަމުގެ ތުހުމަތު ވެސް އޭނާ އަމާޒުކުރައްވާފައިވެއެވެ. އެ ވާހަކަތަކާ އެކު ޚާރިޖީ ދާއިރާގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެއީ ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅަކު، ޚާއްސަކޮށް އަވައްޓެރި ގައުމަކަށް އައްޔަންކުރައްވާފައިވާ ހައި ކޮމިޝަނަރަކު ވާހަކަދައްކަވައިގެން ވާނެ ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. https://x.com/MickailNaseem/status/2010718801005027455 އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ވިސްނުންތެރިކަމެއް ނެތި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ވަގުތުން އޭނާ އަނބުރާ ގެންދިޔުމަށް ވެސް މީކާއިލް ގޮވައިލެއްވިއެވެ. މި މައްސަލައިގައި ސަރުކާރުގެ ވިސްނުން އޮޅުންފިލުވައި ދިނުމަށް މީކާއިލް ވަނީ ފޮރިން މިނިސްޓަރު ޚަލީލާއި ކުރެއްވުމަށް ހުށަހެޅުއްވި ސުވާލު ހިއްސާކުރައްވައިފައެވެ. އެ ސުވާލުގައި ވަނީ ސްރީ ލަންކާގެ 'ޑެއިލީ ނިއުސް' އަށް ސަފީރު މަސްއޫދު އިމާދު ދެއްވި އިންޓަވިއުއެއްގައި ލަންކާއަށް ދަތުރުކުރާ ދިވެހީންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓާނުލައިފިނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ޑިޕްލޮމަސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ވަނީ އަހައިފައެވެ. https://sun.mv/216588 ހައި ކޮމިޝަނަރުގެ އެ އަމަލުތަކާ ގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަސައްކަތްކުރި ނަމަވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅައި، މެސެޖުކޮށް ހެދުމުން ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންވެ، އެންމެ ގާތް އެއް އަވައްޓެރި ގައުމަށް އައްޔަންކުރައްވާފައިވާ ހުންނެވި ހައި ކޮމިޝަނަރުގެ އަމަލުތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނޫނެވެ. މަސްއޫދު އިމާދު އަމަލުކުރެއްވީ 'ޑިޕްލޮމެސީ'އާ ބީރައްޓެހި މޭރުމަކުން ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވެފައިވެއެވެ. އެކަމަކު، އެ ފާޑުކިޔުންތައް އަމާޒުވެފައި އޮއްވާ މަސްއޫދު ހުކުރު ދުވަހު ވަނީ ލަންކާގެ އިދިކޮޅުގައި ހަރަކާތްތެރިވާ، އެ ގައުމުގެ ކުރީގެ ވަޒީރު ނަމާލް ރާޖަޕަކްސާއާ ބައްދަލުކުރައްވާފައެވެ. ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީއަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއާ މަސްއޫދު ބައްދަލުކުރެއްވިކަން ހާމަވީ ނަމަލް އެ ބައްދަލުވުމުގެ މައުލޫމާތު ހުކުރު ދުވަހު އެކްސްގައި އާންމު ކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ