އަމާޒަކީ 3 ހަފުތާގެ ތެރޭގައި ގިރާވަރު ފަޅުން ގޯތި ހަވާލުކުރަން ފެށުން: ވަޒީރު ޑރ.މުއްޠަލިބް

މިވަގުތު އެންމެ އިސްކަމެއް ދެނީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއި ގޯތި ހަވާލުކުރުން ކަމަށާއި، 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. މިމަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރުފަޅަށް ވަނީ ވަޑައިގެންފައެވެ. އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއިރު، އެތަނުގައި ހުންނަވާ ވަޒީރު ޑރ. މުއްޠަލިބު މިމަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު އެއްބައި ހިއްކަން ފަށާފައިވާ ތަނެއް، އެހެންނަމަވެސް އޭރުގެ އިންތިޚާބުގެ ތެރޭގައި 5000 އެއްހައި ގޯތި މިތަނުން ދީފައި އެބައޮތް. ދެން މި ސަރުކާރު ހަވާލުވެގެން ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން ތެރޭގައި ޕޯޓް ދިނުމަށްޓަކައި ކަނޑައަޅާފައިވާ ވަރަށް ބޮޑު ބިމެއް، ގޯތި ދިނުމަށް ބަދަލުކޮށްފައި، މިކޮޅުން 1100 އަށް ވުރެ ގިނަ ގޯތި އެތަނަށް ބަދަލުކޮށްފައި ދެން ވެސް އަޅުގަނޑުމެންނަށް އަރބަން ސިޓީއެއް ގޮތުގައި މީހުން ދިރިއުޅެވޭނެ ގޮތަކަށް ނޫން ޕްލޭން ހަދާފައި އޮތީ. އެއަށް ވުރެ މާގިނަ ގޯތިތައް އެތާނގައި " ވަޒީރު ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު އިތުރަށް ބިން ހިއްކައި، ގޯތި ލިބިފައިވާ އެންމެނަށް ގިރާވަރުފަޅުން ބިން ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހާދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ. އެޕްލޭނަށް ބަދަލު ގެނައި ނަމަވެސް އެއީ ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް އޮތް ޕްލޭނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުން އެންމެ އިސްކަމެއް ދިނީ ގިރާވަރުފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ފަރާތްތަކަށް އެއްބަސްވުމާއި އެއްގޮތަށް ވީހާވެސް އަވަހަށް ގޯތި ދިނުމަށް ކަމަށާއި، 3 ހަފްތާއެއް ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
"ވީހާވެސް އަވަހަކަށް 3 ހަފްތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ، އެއާއި އެއްކޮށް މިތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް މިހާރު ފޯކަސް. އަކީ އެބަޔަކަށް ލިބޭ ގޯތި ކަޑަޖާފައި އެބަޔަކާއި ހަވާލުކުރުން، އަޅުގަނޑުމެން ހަމަ ބިން، ހިއްކައި ނިމޭއިރަށް ރަޖިސްޓްރީ މަސައްކަތް ފަށާނަން. ރަޖިސްޓްރީވާ ވަރަކަށް ސާވެކޮށްގެން ބިން ހަވާލުކުރަމުން ދާނަން." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިން ހަވާލުކޮށް ނިމޭވަރަކުން ވަށާ ފާރު ރޭނުމާއި އެހެނިހެން ކަންކަމަށް ބިން ހުއްދަ ދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ