16 އަހަރުގެ ކުއްޖާ މަރުވި އެކްސިޑެންޓް: ޝަރުތުތަކާއެކު ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފި

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ މި ހަފުތާގައި މާލޭގައި ހިނގި އެކްސިޑެންޓްގައި އެ ސައިކަލު ދުއްވި ދުއްވި ޒުވާނާ ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.
މިމަހު 24 ވަނަ ދުވަހުގެރޭ ދަންވަރު މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިނީ އުމުރުން 19 އަހަރުގެ މުހައްމަދު އާދިން ޢާރިފް އެވެ. ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ.
މި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. 
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން އާދިން އަކީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫނެވެ. 
މި މައްސަލައިގައި އާދިން ހައްޔަރު ކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ފަރާތުން ވަނީ ހަރުކަށި ޝަރުތުތަކާއެކު  ބަންދުކޮށް ދޫކޮށް ދިނުމަށް އެދިފަ އެވެ. 
ކޯޓުގައި އޭނާ ބުނެފައިވާ ގޮތުން، އެ އެކްސިޑެންޓް ހިނގި ނަމަވެސް އެކަން ހިނގީ ގަސްދުގައެއް ނޫނެވެ.
އެގޮތުން، އާދިން ބުނީ ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ ހިނގީ ކަމަށާއި މިކަން ހިނގީތީ ހިތާމަކުރާ ކަމަށެވެ.
އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ދިފާއުން އެދިފައިވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.
މީގެ އިތުރުން އާދިންއަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިއާޔަތްކޮށް ހަރުކަށި ޝަރުތުތަކާއެކު، ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުން އިއުތިރާޒު ނުކުރާ ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށް އަމުރުގައިވެއެވެ.
އެހެންކަމުން ކޯޓުންވަނީ އޭނާ، ޝަރުތުތަަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައެވެ. ނަމަވެސް ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރުމުގެ އިހުތިޔާޒު ފުލުހުންނަށް ލިބިގެންވާ ކަމަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ