އެސްޓީއޯއިން ސިއްހީ ދާއިރާގެ 149 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ހިންގައިފި: އިރްތިސާމް

އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން އެސްޓީއޯ މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 149 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާފައި ވާނެ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
އިރުތިޝާމް މިހެން ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން އެސްޓީއޯ އާއި ހެލްތް މިނިސްޓްރީއާދެމެދު އެއްބަސް ވުމެއްގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. 
އެކަމަނާ ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނި އެސްޓީއޯ މެދުވެރިކޮށް ބޭނުންވާ މެޝިނަރީ އާއި އިކުއިޕްމަންޓު ހޯދަން މި ސަރުކާރުން މިހާތަނަށް 149 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. 
"އަތޮޅު ތަކުގެ [ރަށްރަށުގެ] ސިއްހީ ހިދުމަތް ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަން ދޭ ކަމެއް. އެހެންކަމުން އެސްޓީއޯއިން އެކަނިވެސް މިހާތަނަށް 149 މިލިއަން ރުފިޔާ އެކަމަށް ހޭދަ ކޮށްފައި ވާނެ،" އިރުތިޝާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޮނުވަން 54 އެންބިއުލެންސް ގެނެސްފައިވާ އިރު އެ މަޝްރޫއަށް ވެސް 36 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި މެޑިކްލް ކޮންސިއުމަބަލް ރީޖަންސް އަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. 
މިއަދު ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އާއި ދެމެދު ވި އެއްބަސްވުމުގެ ދަށުން އަތޮޅުތަކުގެ ސިއްހީ ހިދުމަތަށް ބޭނުންވާ ފަރުނީޗަރު އެސްޓީއޯއިން ހޯދައިދޭނެ އެވެ. އެއީ ނުވަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ