ފަހުދިހައެއް ބަންދުކުރުމަށް ރުހެވެނީ ކަންނެތްކަމުންނެވެ. ފަހުދިހައެއް ބަންދުކުރުމަށް ރުހެވެނީ ކަންނެތްކަމުންނެވެ.

ގުނަމުންދިޔައީ މީލާދީން ތޭރަވަނަ ގަރުނެވެ. މުސްލިމުންގެ މައި ޚިލާފަތު އޮތީ ބަގުދާދުގެ ވެރިރަށުގައެވެ. މައި ޚިލާފަތަށް ތަބާވާ ގިނަ އިސްލާމީ ވަރުގަދަ ދައުލަތްތަކެއް ވަކިން އޭރު އުފެދިފައި އޮތެވެ. ބާރުވެރިކަމުގެ ގޮތުން ފާހަގަވާ އެންމެ ވަރުގަދަ އެއް ދައުލަތަކީ މިސްރުގައި އޮތް މަމްލޫކީންގެ ވެރިކަމެވެ. ވެރިއަކަށް ހުންނެވީ ސައިފުއްދީން ޤުޠުޒެވެ.
އެއް ދުވަހެއްގައި ކުއްލިއަކަށް ލިބިވަޑައިގަތީ، އޭރު މުޅި ދުނިޔެ ފަތަހަކުރުމަށް ފައި ނަގައިގެން ތިބި ވަރުގަދަ އެމްޕަޔަރ ގެ ވެރިޔާ ހުލޭގޫޚާންގެ ފަތްކޮޅެކެވެ. އިންޒާރުތަކުން ފުރިފައިވާ މި ލިޔުމުގައި ހުލޭގޫޚާން ވަނީ މިސްރުގެ އިސްލާމީ ދައުލަތާ ދެކޮޅަށް ސަރީހަ އިބާރާތުން ހަނގުރާމަ އިއުލާނުކޮށްފައެވެ. އަދި ހުލޭގޫޚާނަށް ކިޔަމަންވެ މޮންގޯލުންގެ ވެރިކަމުގެ ދަށަށް ނައީވިއްޔާ ބަގުދާދަށް ހެދިހެން ހަދާލާނެކަމުގެ އިންޒާރު ވަރަށް ހަޔާތްކުޑަކޮށް މިފަތްކޮޅުގައި މުސްލިމުންނަށް ދީފައިވެއެވެ.
ފަތްކޮޅުގައި ބަގުދާދަށް ހަދާލި ގޮތް ހަދާލާނެކަމަށް ބުނެފައި އެޔޮތީ، އޭގެ ދުވަސްތަކެއް ކުރިން މޮންގޯލުންގެ ވެރިކަމުގެ ދަށުގައި އޭރު ތިބި ތަތާރުން އަރާ ބަގުދާދު ތަޅާ ސުންނާފަތިކޮށްފައިވާތީއެވެ. ބަގުދާދު ސުންނާފަތިވެދިއުމާއެކު މޮންގޯލުންނަށް ހީވީ އިސްލާމީ ހުރިހާ ސަރަހައްދުތަކެއް ދާދި އަވަހަށް ދެން މޮންގޯލުންގެ އަތްދަށަށް ގެނެވިދާނެކަމަށެވެ. އިންޒާރުތަކުން ފުރިފައިވާ ހުލޭގޫޚާންގެ މިފަތްކޮޅު ސައިފުއްދީން ޤުޠުޒަށް ފޮނުވި މައިގަނޑު ސަބަބަކީ ވެސް މިއެވެ.
މިކަމެއް ހިނގިއިރު، މިސްރުގައި އޮތް މަމްލޫކީންގެ އިސްލާމީ ވެރިކަމުގެ ތެރޭގައި ވެސް އެތެރޭގެ ހަމަނުޖެހުންތައް އޮތީ ތިޔަހެނެއް ނޫނެވެ. އެތައް ސިޔާސީ ފިތުނައެކެވެ. ވެރިކަމަށް ދަހިވެ ތަޅާފޮޅަމުންދިޔަ އެތައް ގުރޫޕެކެވެ. މިސްރުގެ އިގުތިސާދީ ހާލަތާއި ދައުލަތުގެ ބަޖެޓް ވެސް އޮތީ ހަނގުރާމައަކަށް ތައްޔާރުވެވޭ ވަރަށްވުރެ މާ ބޮޑަށް ވެސް ދަށުގައެވެ.
މިއެންމެހާ ކަމެއް މިހެން ހުރުމާއެކު ވެސް ހުލޭގޫޚާންގެ އިންޒާރުގެ ފަތްކޮޅާ ގުޅިގެން ސައިފުއްދީން ޤުޠުޒް ވަގުތުން އެޅުއްވީ އާދަޔާ ހިލާފު ނަމޫނާ ފިޔަވަޅުތަކެކެވެ. އަދިއަދަށް ދާންދެން ތާރީހުގައި ސައިފުއްދީން ޤުޠުޒުގެ ނަން ރަން އަކުރުން ލިޔެވިފައިވަނީ ވެސް މިހެންވެގެންނެވެ.
އެންމެ ފުރަތަމައަށް ކުރެއްވި ކަމަކީ، އެހާ ހަޔާތްކުޑަކޮށް އިސްލާމީ މި ވެރިކަން މުލުން ލުހެލައި ބަގުދާދު ސުންނާފަތިކުރި ފަދައިން މިސްރު ވެސް ސުންނާފަތިކުރާނެކަމަށް ލަދުހުތުރުކޮށް ފޮނުވާފައި އޮތް މިފަތްކޮޅު ހިފައިގެން އައި ހުލޭގޫޚާންގެ މެސެންޖަރުންތައް ވަގުތުން ގަތުލުކޮށް އެންމެންނަށް ފެންނާނެހެން މައިދާނުގައި ސޮލީބަށް އަރުވާފައި ބެހެއްޓީއެވެ.
އެއަށްފަހު އެންމެހާ ވަޒީރުންނާއި ބޮޑުން އެއްކުރައްވައި މަޖިލިސްކުރެއްވުމުން، މިތަނުގައި ތިއްބެވި ނިކަން ބޮޑެތި ބޭކަލުން ލަފާއެރުއްވީ މޮންގޯލުންނާ ހަނގުރާމަކުރުމަކީ މުސްލިމުންނާ އަރާއަރަފޯދިގެންވާ ކަމެއް ނޫންކަމަށެވެ. އެހެންވީމާ ކޮންމެވެސް ގޮތަކުން މޮންގޯލުންނާ ސުލްހަނާމާއެއް ހެދޭތޯ ބެއްލެވުމަށެވެ. އާދޭހެވެ. ފިނޑިކަމާއި ކަންނެތްކަން ކުރިއަށް ނެރޭ ބޮޑުންނެވެ.
ދެން ސައިފުއްދީން ޤުޠުޒު ވިދާޅުވި އިބާރާތްކަމަށް ތާރީހު އިލްމުވެރިން ނަކަލުކުރައްވާފައިވަނީ "އޭ މުސްލިމުންގެ ބޮޑެއްޗަށް ތިބި މީހުންނޭވެ! ކަލޭމެންނަށް އައިސްފައި ތިއޮތީ މުސްލިމުންގެ ބައިތުލްމާލު ކެއުމުގެ ޒަމާނެކެވެ. ހަނގުރާމަކުރުމަށް ކަލޭމެން ނުރުހުންތެރިވެއެވެ. އަހަރެން މިދަނީ ކުރިމަތިލާށެވެ! ޖިހާދުކުރުން އިހުތިޔާރުކުރާ މީހާ އަހަންނާ ބައިވެރިވާށެވެ! އެގޮތް އިހުތިޔާރުނުކުރާ މީހާ ހަމަ މިހާރު ގެޔަށް ދާށެވެ! އޭނާއަށް ﷲ ބައްލަވާ ވޮޑިގެންވާނެއެވެ. މޮންގޯލުން އަރާ މުސްލިމުންގެ އަންހެން ކަނބަލުންގެ އިއްފަތްތެރިކަން ފޭރިހަދާއިރު އެކަމުގެ ފާފަ ވެސް އެޅޭނީ ހަމަ މުސްލިމުންގެ ކަނދުރާތަކުގައެވެ. އިސްލާމްދީނަށްޓަކައި އަހަރެމެން ނުވާނަމަ، އެދީނަށްޓަކައި ދެންތިބޭނީ ކޮން ބައެއްހެއްޔެވެ؟"
މަޝްހޫރު ޢިލްމުވެރިޔާ ޢިއްޒު ބިން ޢަބްދުއްސަލާމްގެ ޓެކްސް ފަތުވާ ނެރުއްވީ މި ދުވަސްވަރުއެވެ. އެ ފަތުވާގައި ބުނަނީ، މުސްލިމުންނާ ހަނގުރާމަކުރުމަށް އަދާވާތްތެރިންގެ ބަޔަކު އަންނައިރު، ހަނގުރާމައަށް ތައްޔާރުވުމަށް އެކަށީގެންވާ މިންވަރު ދައުލަތުގެ ބަޖެޓްގައި ނެތްނަމަ ޒަކާތުގެ އިތުރުން އެކަމަށް އެކަށީގެންވާ ޓެކްސް އެއް ނެގުން ހުއްދަވާނެކަމަށެވެ.
ޢިއްޒު ބިން ޢަބްދުއްސަލާމްގެ މި ފަތުވާއަށް ބޮޑެތި ގިނަ އިލްމުވެރިންވެސް ތާއީދުކުރެއްވިއެވެ. އަދި ޖިހާދުގެ މަތިވެރިކަމުގެ މައްޗަށް ހޭލުންތެރި ހަރާކާތްތައް ހިންގުނެވެ. ސިޔާސީ އެތައް ކުށްވެރިންނަކަށް މާފުދެވިއްޖެއެވެ. އިސާހިތަކު މުސްލިމުންގެ ހަނގުރާމަވެރި ލަޝްކަރު އެއްކުރެވި ބަދަހިކުރެވިއްޖެއެވެ.
މުސްލިމުން މޮންގޯލުންގެ ލަޝްކަރުގެ މައްޗަށް ކާމިޔާބު ހޯދި އެ ތާރީހީ ހަނގުރާމަކުރެވުނީ ޢައިނު ޖާލޫތު އޭ ކިޔުނު ސަރަހައްދެއްގައެވެ. މިހަނގުރާމައިގައި މުސްލިމުން ބޭނުންކުރި އުކުޅުތަކުގެ ތެރޭގައި އެސަރަހައްދުގައި ދެން އޮތް ބޮޑު އެއް ބާރުކަމަށްވާ ސަލީބީންނާ އެކު ވަގުތީ މުއާހަދާއެއް ހެދުމާއި ހަނގުރާމައިގެ މައިދާނުގައި މުސްލިމުންގެ ލަޝްކަރު މަދުކަމަށް ހީވާ ގޮތަށް ލަޝްކަރުގެ ރުކުރުވާލުންތައް ގެންގުޅުނު ގެންގުޅުން ހިމެނެއެވެ. މޮންގޯލުންގެ ހުނަރުވެރި ކޮމާންޑަރު ކިޓްބުގާ ލަޝްކަރާއެކު ބިރުން ފިލީއެވެ. މިއީ މޮންގޯލުންގެ ދައުލަތުގެ ބާނީ ޖެންކީޒްޚާންގެ ދައުރުން ފެށިގެން ބަޔަކާ ހަނގުރާމަކޮށް މޮންގޯލުން ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ.
ސައިފުއްދީން ޤުޠުޒްގެ މި ފަތަހައާއެކު މިސްރާއި މުޅި ޝާމްކަރައިގެ ސަރަހައްދު މިސްރުގައި އޮތް އިސްލާމީ ދައުލަތުގެ ދަށަށް އެއްކުރެވިގެންދިޔައެވެ. މި ބުރަ މަސައްކަތާއި މަތިވެރި ކާމިޔާބު މުސްލިމުން ހޯދީ، ރޯދަ މަހެއްގައެވެ. ހަނގުރާމަ ހިނގީ މީލާދީން ބާރަސަތޭކަ ފަސްދޮޅަސް ވަނަ އަހަރުގެ ރޯދަ މަހު ފަންސަވީސް ވަނަ ދުވަހުގައެވެ. އެހެންވީމާ ހަނގުރާމައަށް ތައްޔާރުވުމުގެ ބުރަ މަސައްކަތްތައް ކުރެވިފައި އޮންނާނީ އެ ރޯދަ މަހުގެ ފުރަތަމަ ދެ ދިހައެއްގައެވެ.
މުސްލިމުންގެ ކާބަފައިން ރޯދަ މަސް ހޭދަކުރީ މި ގޮތަށެވެ. އެއީކީ ކުރިއެރުމާއި އާރާސްތުކުރުން ހުއްޓާލަންޖެހޭ މައްސަރެއް ކަމުގައި ހަދައިގެންނެއް މުސްލިމުން އުޅެފައި ނުވެއެވެ. ރޯދަ މަހަކީ އަތްއުރާލައިގެން ހުރިހާ ކަމަކުން ޗުއްޓީ ނަގައިގެން ތިބެންޖެހޭ މަހެއްގެ ގޮތުގައި މުސްލިމުންގެ ކާބަފައިން ބަލާފައި ނުވާކަން އިސްވެ ދެންނެވުނު ފަދަ ތާރީހީ އެތައް ފަތްފުއްތަކެއް ހެކިދެއެވެ.
ކޮންމެ ރޯދަ މަހަކާއެކު ސަރުކާރުގެ އޮފީސްތަކުގެ ގަޑިތައް ފުރަތަމަ ވިހި ދުވަހު ބޮޑުތަނުން ކުރުކުރެވެއެވެ. ފަހު ދިހަ އެކީގައި ސަރުކާރު ބަންދުކުރެވެއެވެ. އެޔާ ވިދިގެން އަންނަ އީދު ޗުއްޓީ ގިނަ އިއްޒަތްތެރި ބޭފުޅުން ދަންމާލާއިރު، ރޯދަމަހާ ގުޅިގެން ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ ވެރިންނާއި މިހެން ގޮސް ގައުމު ހިންގާން ތިއްބެވި އެންމެބޮޑެތި ބޭފުޅުން މަސައްކަތަކާ ނުލައި ރީތިކޮށް ދެ މަސްދުވަސް ހޭދަކޮށްލައެވެ. ސަރުކާރުގެ އިދާރަތަކާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި ކޯޓުތަކުގެ ހިދުމަތް ލަސްކަމުގެ ޝަކުވާވެސް ކުރަނީ ހަމަ އަހަރެމެން އެންމެންނެވެ. ގައުމު މިހާ ދުވަހަށް ހުއްޓާލަން ރުހިގެން އަތްޖަހަން މިތިބެނީ ވެސް ހަމަ އަހަރެމެން އެންމެންނެވެ.
އާއެކެވެ. އެގޮތް ހުރިހާ ދިވެހިންނަށްވެސް ރަނގަޅުވަނީއެވެ. ދިވެހިންނަށް ރަނގަޅުވާ ގޮތް، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ސިފަކުރައްވާފައިވާ ގޮތް އޭރަށްވުރެ މަންޒަރު ސާފުކޮށް ކުލަރީތިކޮށް ފެންނަނީ އަދި މިހާރުހެންވެސް ހީވެއެވެ.
ކަންނެތެއް ކަމަކު އަޖައިބެއް ފަދަ ކަންނެތްކަމުގައި،
ވަންހަ ނިމިދާއިރުވެސް ސޮހޮލުވެ ތިބުމޭ ރަނގަޅީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ