އިނާޒް އިސްތިއުފާ ދެއްވުމުން ފައްޔާޒް: ރައީސްގެ ސިޔާސަތުގެ ސަބަބުން މިސްރާބު ހުރީ އިގްތިޞާދު ސުންނާފަތިވުމާ ދިމާއަށް!

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަޙްމަދު އިނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މި ސަރުކާރުގެ އިގްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުއްވައި، ޑިމޮކްރަސީގެ އުސޫލުތަކަށް ފުރަގަސްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މިސްރާބު ހުރީ އިގްތިޞާދު ސުންނާފަތިވުމާ ދިމާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މާލީ ނިޒާމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިޞްލާޙު ގެނައުމުގެ ނަމުގައި ސަރުކާރުން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަން ތަންފީޒުކުރުމުގައި ފެންނަނީ ހަމައެކަނި ނާކާމިޔާބީއާއި ގެއްލުމެވެ. އިގްތިޞާދީ ތަފާސްހިސާބުތައް ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވިގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ހިލޭ އެހީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 15 އިންސައްތައެވެ. އަދި މިދިޔަ އަހަރަށް ބަލާއިރު، މުސާރައާއި އިނާޔަތްތަކުގެ ޚަރަދު އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ޚަރަދުތައް ވަނީ އެއަށްވުރެ މާ ބާރަށް މައްޗަށް ގޮސްފައި. އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ބިލިއަނުން ގުނާލެވޭ ފައިސާ އަދިވެސް ނުދައްކާ އެބަހުރި،" ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްގީގެ މަޝްރޫޢުތައް ހުއްޓި، ބޭރު ފައިސާގެ ސިޔާސަތު ނާކާމިޔާބުވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ރައްޔިތުން ތަކުލީފު އުފުލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޕެންޝަން ބޯޑަށް ގެނައި ބަދަލުތަކާއި ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއީ "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ސަރުކާރުން ކިތަންމެ ވަރަކަށް ދިފާއުވާން އުޅުނު ނަމަވެސް، ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މިކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި 14 އިންސައްތައަށްވުރެ ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގަންޖެހޭނެ ކަމަށާއި، މިއީ މިނިވަން ގައުމަކުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ފައްޔާޒުވަނީ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވި އިނާޒް ދެއްކެވި ސާބިތުކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިފަދަ "ޚުދުމުޚުތާރު" ވެރިކަމަކާ ދެކޮޅަށް ތެދުވާނެ އިހުލާސްތެރި ބޭފުޅުން މިއަދު ގައުމަށް ނުހަނު ބޭނުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/217410 މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފައެވެ. އެއީ، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން، އިނާޒް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ކުރެއްވި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ