މަސައްކަތް ކިތަންމެ ބުރަނަމަވެސް ޢާއިލާއަށް ވަޤުތުނުދޭ މީހަކަށް ހުކުރުދުވަހުގެ ޘަވާބާ ދަރުމަ ލިބިގަނެވުނުކަމަކަށް ނުވާނެ!

ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަސްކަމަށް ބުނެވޭ ބުނުމުގެ މާނައަކީ މުޅި ދުވަހު މިސްކިތުގައި އިނުމެއް ނޫނެވެ. މިސްކިތުގައި އިނދެގެން ކުރާ އަޅުކަންފަދައިން ކުރަންޖެހޭ އިތުރު އަޅުކަމެއްވެސް އެބައޮތެވެ. ގިނަ ބައަކަށް ނުއެނގެނީ އެކަމެވެ. އެހެންވެ މިގެނެސްދެނީ އެކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  
ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އަދި އެދުވަހަކީ ބަނަދުދުވަހެއްކަމަށް ހަދާފައި އޮންނަނީ ކީއްކުރަންކަންވެސް އެނގޭނެއެވެ. އެކަމަކުވެސް ބައެއް ފިރިންނަށް އެކަންކަން އެނގޭކަމަކަށް ނުވެއެވެ.  
އަޑުއަހާށެވެ! ހުކުރު ދުވަހުގެ އެންމެ މުހިންމު ކަމަކީ ހުކުރު ނަމާދުކަމަށްވުމުން ގިނަ ބައަކު ވަގުތު ލައިގެން ހުކުރަށްދެއެވެ. އެކަމަށް ސަމާލުކަންދެއެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ހުކުރު ދުވަސް ލިބިގަންނަން އަދާކުރަންޖެހޭ އިތުރު ޒިންމާތަކެއްވެސް އެބަހުއްޓެވެ. އެހެންކަމުން މިކިޔައިދެނީ ޢިބްރަތްތެރި ވާހަކައެކެވެ.  
ރިޒްވާނަކީ އެންމެ ޒުވާން އިރުންސުރެ ވަރަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނެކެވެ. އެހެންކަމުން ގޭގައި ޢާއިލާ އާއިއެކު ހޭދަކޮށްލެވެނީ ވަރަށް މަދު ވަގުތުކޮޅެކެވެ.  
ރިޒްވާނަކީ އެހައި ބުރަކޮށް މަސައްކަތްކުރަމުންވެސް 5 ވަގުތު ބަރާބަރަށް ޖަމާއަތުގައި ނަމާދުކުރާ ޒުވާނެކެވެ. އެހެންކަމުން ހުކުރު ދުވަހު ވެސް ފަތިސް ނަމާދު ޖަމާއަތުގައި ކުރެއެވެ. ނަމަވެސް ފަތިސް ނަމާދުން ފައިބައިގެން ގޮސް ކޮންމެ ދުވަހަކުވެސް ނިދަނީއެވެ. ހޭލައިގެން 11 ޖަހާއިރަށް ހުކުރަށް މިސްކިތަށް ދިއުމަކީ އޭނާގެ އާދައެކެވެ. ހުކުރުން ފައިބައިގެން އައިސް ކައިގެން އަނެއްކާވެސް ދަނީ މަސައްކަތަށެވެ.  
މިގޮތަށް އުޅެމުން ދަނިކޮށް އެއް ރޭ ހުވަފެނުގައި ހުދުހެދުމުގައި ހުރި މުސްކުޅިއަކު ފެނުނެވެ. ބަލާ ބެލުމަށް ވަރަށް ހެޔޮ ލަފާ މީހެއްކަންވެސް ފާހގަކުރެވުނެވެ. އޭނާ ބުންޏެވެ. "ކޮއްކޯއެވެ! ކޮއްކޮއަށް ހުކުރު ދުވަހެއް ނުލިބެއެވެ."  
ރިޒްވާން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އުޅެމުން ދަނިކޮށް ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ހުވަފެނުގައި ހަމަ އެ މުސްކުޅި މީހާ ފެނި ހަމަ ކުރީ ރޭ ބުނިފަދައިން ރިޒްވާނަށް ހުކުރު ދުވަސް ނުލިބޭ ކަމަށް ބުނެފިއެވެ.  
ދެވަނަ ފަހަރު ފެނުމުން އެކަމުން ރިޒްނީއަށް އުނދަގޫތަކެއް ވިއެވެ. އެހެނީ ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަހެވެ. އެންމެ ބަރަކާތްތެރި ދުވަހެވެ. އެދުވަހުގެ ޘަވާބު ލިބިގަތުމަށް ރިޒްވާން ދަނީ ގަދައަޅައި މަސައްކަތްވެސް ކުރަމުންނެވެ. އެހެންކަމުން ދީނީ ޢިލްމުވެރިއަކާއި ބައްދަލުކޮށް އެވާހަކަ ކިޔައިދީ އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކުރިއެވެ. ޢިލްމްވެރިޔާ ރިޒްވާންގެ ހުރިހާ މަޢްލޫމާތުތަކެއް އޮޅުންފިލުވުމަށްފަހު ބުންޏެވެ.  
"ކޮއްކޯއެވެ! އުޅުމަށް ކުޑަކުޑަ ބަދަލެއް ނިކަން ގެނެސް ބަލާށެވެ! މަސައްކަތް ތިއަ ހުރި ގޮތުން މުޅި ހުކުރު ދުވަސް އެކުގައި ޢާއިލާ އާއިއެކު ހޭދަ ނުކުރެވުނު ނަމަވެސް ނިކަން ހެނދުނު ނިދުން ހުއްޓައިލަބަލާށެވެ! ޢާއިލާ އާއިއެކު ވަގު ހޭދަކޮށްބަލާށެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ހަވީރު ހޭދަ ނުކުރެވުނު ނަމަވެސް ދެ ހުކުރުން އެއް ހުކުރުގައި ނަމަވެސް ހަވީރު ގެއަށް ގޮސް ދަރިންނާއިއެކުގައި ވަގުތު ހޭދަކޮށްބަލާށެވެ! ފަހަރެއްގައި މައްސަލައަކީ އެއީ ކަމަށްވެސް ވެދާނެއެވެ."  
ޢިލްމްވެރިޔާ ދިން ނަޞޭޙަތް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރަން ފެށިތާ 3 މަހެއްހައި ދުވަސްވީފަހުން ހުވަފެނުގައި ހަމަ އެމުސްކުޅިޔާ ފެނުނެވެ. އަދި ބުންޏެވެ. "ކޮއްކޮއަށް މިހާރު ހުކުރު ދުވަސް ލިބެއެވެ. ތިއަ ގޮތުގައި ދެމިހުންނާށެވެ!"  
މީސްތަކުންނޭވެ! ހުކުރު ދުވަހުގެ މަޤްޞަދުތަކުގެ ތެރޭގައި މިއޮތީ އަޅުކަން ކުރުމެވެ. އަބަދުވެސް ބުނާފަދައިން އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރުމަކީވެސް އަޅުކަމެކެވެ. ގޭތެރޭގެ މަސައްކަތް އަމިއްލައަތުން ކުރުމާއި އަނބިމިހާއަށް އެހީތެރިވުމަކީ ވެސް ސުންނަތެވެ. ވީމާ ހަމައެކަނި ހުކުރަށް ދިއުމުން ހުރިހާ ކަމެއް ނިމުނީ ކަމަށް ހީނުކުރާށެވެ! ވީހައި އަވަހަކަށް ހުކުރަށް ދިއުމަކީ ވެސް ވަރަށް މަތިވެރި ސުންނަތެކެވެ. އެހެންކަމާއިއެކުވެސް ޢާއިލާގެ ޙައްޤުތައްވެސް އަދާކުރާށެވެ! ކުރާ ފައިދާ އިތުރުވާނެއެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ