ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ހަރަކާތް ކުރިއަށްގެންދިޔަ މަރުކަޒުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ޖަރމަން ޗެމްބަރ އޮފް އިންޑަސްޓްރީ އެންޑް ކޮމަރސް (ޑީ.އައި.އެޗް.ކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑޮކްޓަރ ވޮލްކާ ޓްރައިއާ އާއި ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީ.އެމް.ބީ.އެޗް ގެ ސީ.އީ.އޯ ގުންތަރ މުލް އެވެ.
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، އެ ތަސައްވުރަކީ، ދިވެހި އިޤްތިޞާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ޤައުމީ ތަރައްޤީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ ޢަޒުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ. މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާމެދު ވުނޭރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ދިވެހިރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެނަރޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިޤްތިޞާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ޙައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫޢުތަކުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ، މިފަދަ ޢަމަލީ، އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުޞަތު ހުރި ޙައްލުތައް ރާއްޖޭގައި ތަޙުލީލުކުރެވިދާނޭކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ، މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ވަނީ ދަޢުވަތުއަރުވާފައެވެ. އަދި ވުނަކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާޙުކުރި، ޕްރޮޖެކްޓް އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫޢުތައްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޚާއްޞަ ޚިދުމަތްތައް ތަރައްޤީކޮށް، ބޭސްފަރުވާއަށް އެހެން ޤައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އަދި މިދާއިރާގައި ޖަރުމަނުވިލާތުގެ މަހާރަތާއި ދިވެހިރާއްޖޭގެ މަސްލަހަތު އެއްއުއިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި ވުނަކުރުމުގެ ފުރުޞަތުތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އަމާޒަކީ، ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާ އާއި ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި، ޖަރުމަނުވިލާތަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ތަބީޢީ ބައިވެރިއެއްކަމަށް ވިދާޅުވަމުންނެވެ.
މިއަދުގެ ހަރަކާތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ، ރާއްޖޭގެ ވުނަކުރުމުގެ ވެއްޓާއި، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން ވަނީ، އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ޚިޔާލުބަދަލުކުރައްވާފައެވެ.
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.
މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ