ކޮރަޕްޝަނުގެ މައްސަލަ ބޮޑޭ ބުނުމުން ޓްރާންސްޕޭރެންސީގެ ދިރާސާ އޭސީސީއަށް ގޯސްވެއްޖެ ކޮރަޕްޝަނުގެ މައްސަލަ ބޮޑޭ ބުނުމުން ޓްރާންސްޕޭރެންސީގެ ދިރާސާ އޭސީސީއަށް ގޯސްވެއްޖެ

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އަހަރަކު އެއް ފަހަރަކު ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ދަށް ނަތީޖާއެއް ލިބުމުން، އެއީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާއެއް ނޫން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބަޔާނެއް ނެރެފި އެވެ.
ޓްރާންސްޕޭރެންސީން ނެރުނު އެންމެ ފަހުގެ ސީޕީއައިގައި ރާއްޖެއަށް ލިބުނު ސްކޯއަކީ 39 އެވެ. މި ނަތީޖާއާއެކީ މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ސީޕީއައި ނަތީޖާ އަދިވެސް ކަންބޮޑުވާންޖެހޭ ދަށް މިންވަރެއްގައި ހުރީ ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، މުއައްސަސާތައް ބަލިކަށިވެ، އިންސާފާއި ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ.
ޓްރާންސްޕޭރެންސީން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކަލާއި، މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާ، ތިމާވެށި އަދި އިގުތިސާދީ ކަންކަން ބަލަހައްޓާ ނިޒާމު އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ޒިންމާދާރުކޮށް، އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ހިމެނެ އެވެ.
ޓްރާންސްޕޭރެންސީގެ ހުށަހެޅުންތަކާ ދިރާސާގައި ފާހަގަކުރި ކަންކަމަށް އެއްވެސް އެއްޗެއް ނުބުނެ، އޭސީސީން ނެރުނު ބަޔާނުގައި މުޅިން ވެސް މަސައްކަތް ކޮށްފައި ވަނީ ސީޕީއައިއަކީ ކޮރަޕްޝަން އަސްލު އޮތް މިންވަރު މިނެކިރަން އެކަށީގެންވާ ދިރާސާއެއް ނޫން ކަމަށް ބުނެދިނުމަށެވެ.
އެ ކޮމިޝަނުން ބުނީ މިއީ ދެކޭ ގޮތުގެ (ޕާސެޕްޝަން) ގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާއެއް ކަމުން، އެ ދިރާސާގެ ސްކޯ އާއި ރޭންކިން ވެސް ބިނާވަނީ ދެކޭ ގޮތުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރީ ސްކޯ އެކުލަވާލަން ބޭނުންކުރި މަސްދަރުތައް އެހެން ގިނަ ގައުމުތަކުން ބޭނުންކުރާ ވަރަށް ވުރެ މަދުވުމެވެ.
އެސީސީން ބުނި ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ސްކޯ ކަނޑައެޅި އެންމެ ތިން މަސްދަރެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް އާއި ވާލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އާއި ވެރައިޓީސް އޮފް ޑިމޮކްރަސީ އެވެ. އޭސީސީން ބުނީ މިއީ މި ސްކޯ އެކުލަވާލަން އާންމުކޮށް ބޭނުންކުރާ ވަރަށް ވުރެ މަދު މަސްދަރުތަކެއް ކަމަށެވެ.
"...ގިނަ ގައުމުތަކާ ހިލާފަށް، ދިވެހިރާއްޖޭގައި ސްކޯ އެކުލަވާލުމަށް ބޭނުންކުރެވިފައި ވަނީ، މަދު މަސްދަރުތަކެއް ކަމަށް ވުމާއެކު، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއް ކަމުގައި ހެދުމަށް ޓަކައި މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި، ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި މި ކޮމިޝަނުން ދެކެން،" އޭސީސީގެ ބަޔާނުގައި ވެ އެވެ.
އޭގެ އިތުރުން އޭސީސީން ވަނީ ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އިތުރަށް ވަރުގަދަކޮށް ހަރަދަނާކުރަން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ. މި ގޮތުން ސަރުކާރުން އެކުލަވާލަން އުޅޭ 20 އަހަރުގެ މާސްޓާޕްލޭނާއި ސަރުކާރުގެ ހިދުމަތްތަކާއި ނިޒާމުތައް ޑިޖިޓަލް ކުރަން ގެންގުޅޭ "މޯލްޑިވްސް 2.0" އާ އެއްކީލިވާނެ، "ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު" އެ ކޮމިޝަނުން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހަމައެހެންމެ، އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑަމީން އިސްނަގައިގެން އަލަށް ފަށައިގެން އުޅޭ "މެޝަރިން އިފެކްޓިވްނަސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް" ގެ ފަންނީ މަސައްކަތުގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބިފައިވާއިރު، ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތާށިވެފައި ހުރިކަން ފާހަގަކުރެވެ އެވެ. އަދި، ސަރުކާރުން ބޭނުން ވުމުން އިދިކޮޅު ސިޔާސީ މީހުންނާއި ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކުރާ މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ