ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ކަމަށެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހަކު ޝޯޓު ލިސްޓް ކުރާނެ ކަމަށާއި އެ ތިން މީހުންނަކީ ޝަރުތު ހަމަވާ ބައެއްކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޔަގީންކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މީގެ އިތުރުން ވެސް ޕެންޝަން ގާނޫނުގެ އަށްވަނަ މާއްދާގެ ނ އަދި ރ ގައި ކަނޑައަޅާފައިވާ ހުރިހާ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެެވެ. އެ އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މިމަހުގެ އެއްވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ޕެންޝަން ފަންޑަށް އިންވެސްޓްކޮށް ޕެންޝަން ފަންޑުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރުމުގެ މުއާމަލާތާ މެދު ގިނަ ގުނަ މަޝްވަރާތަކެއް ކުރުމުން ވެސް "ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލުނުކުރެވޭ" ކަމަށް ވިދާޅުވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ގެއްލުން ބޮޑު ނިންމުއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވީ އެއީ ގެއްލުން ބޮޑު ކަމެއް ކަމަށް "ޓެކްނިކަލީ" ގަބޫލުކުރެއްވޭތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ