ބަޖެޓަށް ބޭނުންވާ 26 ބިލިއަންގެ 30 ޕަސެންޓް ޖެހޭނީ ޗާޕުކުރަން، އެންމެ ގެއްލުންވާނީ މާލޭގައި އުޅޭ މީހުންނަށް: ޒަރިޔަންދު
މި އަހަރު ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް، ބަޖެޓަށް 26.3 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަންޖެހޭއިރު، އޭގެ ތެރެއިން 30 ޕަސެންޓް ޗާޕުކުރުން ނޫން ގޮތެއް ނުފެންނަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ މާލޭ ސިޓީގައި އުޅޭ މީހުންނަށް ކަމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ޒަރިޔަންދު ވަނީ، މިހާރުގެ އިގުތިޞާދީ ހާލަތަށް އަލިއަޅުއްވާލަފައެވެ. އެގޮތުން، ސަރުކާރުގެ ބޭކާރު ޚަރަދު ބޮޑުވެފައިވާއިރު، މި އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/zariyand/status/2020791918662496610 ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި މިހާރު އެއް މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ވެސް ފައިސާ ނެތް ކަމަށާއި، މި އަހަރު ދައުލަތުގެ ކޭޝްފްލޯއަށް ބޭނުންވާ 26 ބިލިއަން ރުފިޔާގެ 30 ޕަސެންޓު ޗާޕުކުރުން ނޫން ގޮތެއް ނުފެންނަ ކަމަށެވެ. ފައިސާ ޗާޕު ކުރުމުން ބޭރު ފައިސާ ރައްކާކުރުމުގެ ގާބިލުކަން ގެއްލި، ގޭހާއި ތެލާއި ބޭސް އިމްޕޯޓަށް ބުރޫއަރައިފިނަމަ، އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ މާލޭގައި އުޅޭ މީހުންނަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ޒަރިޔަންދު އެފަދައިން ވިދާޅުވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށްގެން ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. އެއީ ފައިސާ ޗާޕު ކުރުމުގެ ގޮތުގައި ނުބުނި ނަމަވެސް، ޕެންޝަން އޮފީހުން ވަނީ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގަން ނިންމާފައެވެ. އެ ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔަނިކޮށް އެ އޮފީހުން ވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލުން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި އެކަމުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ ކަމަށް ބުނެފައެވެ. https://sun.mv/217558 ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. ދެލައްކައެއްހާ މީހުން ކޮންމެ މަހަކު ފައިސާ ލަމުން އަންނަ ޕެންޝަން ފަންޑާ ސަރުކާރުން ބޭނުންވާ ގޮތަށް ކުޅުމުގެ ފުރުސަތު ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ