2 އިންތިހާބު އެއްކޮށްލާ ބިލު މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލަށް ގޮތެއް ނިންމުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.
ތަފްސީލް - ބިލުގެ ރިޕޯޓު މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާއިރު ބެލެވޭ ގޮތުގައި، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.
ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ، މަޖިލިސް މެންބަރުކަމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަމަށެވެ.
އެހެންކަމުން، މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028ގެ ރިޔާސީ އިންތިހާބާއި 2029ގައި ބާއްވަން އޮތް މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަަ އެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.
ފަލާހު ބަހުސް މަރުހަލާގައި ވިދާޅުވެފައިވާ ގޮތުގައި، ބިލު ފާސްވިޔަސް އެކަމަށް އަމަލު ކުރާނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.
ކޮމިޓީން މި ބިލު ދިރާސާ ކުރުމަށް ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބު އަހްމަދު އުޝާމް ވެސް ކޮމިޓީއަށް ހާޒިރު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ