ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނީ އެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރީ ހުސައިން ޝަހުބާން، 29، ސަބުނަމްހައުސް/ލ. މާބައިދޫ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.
ތަފްސީލް - އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގީ މީހުން ދިިރިނޫޅޭ، ކަރަންޓު ވެސް ނުހުންނަ ގެއެއްގަ އެވެ. އަލިފާނުގެ ހާދިސާ ހިނގީ އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އަލިފާން ރޯވުމުގެ 7 މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސައިކަލު ޕާކުކޮށް، އެ ގެއަށް ވަންނަތަން ސީސީޓީވީ ފޫޓޭޖުން ފެނެ އެވެ.
އެ ގޭގެ މީހުން ބުނި ގޮތުގައި، އެ ގޭގައި ހުންނާނީ ބާލަކުނޑީގެ ފަރުނީޗަރު ފަދަ ތަކެއްޗެވެ. އެހެންވެ ފަސޭހައިން އަލިފާން ފެތުރިގަންނާނެ އެވެ.
"ބެލެވެނީ ހަމަ ރޯކޮށްލީ ކަމަށް. އޮޅުމަކުން އެތަނުގައި ރޮލެއްނުވާނެ،" އެ ގެއަށް ނިސްބަތްވާ މީހަކު ބުންޏެވެ.
އެ ގޭގެ އަލިފާން ކޮންޓްރޯލްވީ ގަޑިއިރަކަށް ވުރެ ގިނައިރުވީ ފަހުންނެވެ. ނިއްވާލިއިރު މުޅި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އަލިފާނުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ވެސް އޭގެ އަސަރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ