މައިންބަފައިން ސަލާން ޖަހަން އުޅެފައި ގެއަށް އައިއިރު، އެއްމަހުގެ ދަރިފުޅު އޮތީ ބަނޑަށް މަރުވެފައި!

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަރޭލީގައި ފަގީރު ދެމަފިރިއެއްގެ އެއް މަހުގެ ތުއްތު އަންހެން ކުއްޖަކު ބަނޑަށް މަރުވެއްޖެ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވާ ގޮތުން މުހައްމަދު ޝާދާބް އާއި އޭނާގެ އަންހެނުން ހީނާ، އެ މީހުންގެ ހަތަރު އަހަރުގެ ދަރިފުޅާއި ދޮޅު އަހަރުގެ ދަރިފުޅު އަދި އެއް މަހުގެ ދަރިފުޅު އެ މީހުން ކުއްޔަށް އުޅޭ ކޮޓަރީގައި ބަންދުކޮށްފައި ސަލާން ޖަހަން ނުކުތީ ހެނދުނު 11:00 ގައެވެ. ހަތް ގަޑިއިރު ފަހުން އެ މީހުން އެނބުރި އައިއިރު، އެންމެ ހަގު ދަރިފުޅު އޮތީ ހޭނެތިފައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ކުއްޖާ މަރުވީ ބައްޔެއްގެ ސަބަބުން އުފެދުނު އިންފެކްޝަނަކުން ކަމަށް ބުނި ނަމަވެސް އަވަށްޓެރިންނާއި އާއިލާ އިން ވަނީ ކުއްޖާ މަރުވީ ބަނޑަށް ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާގެ ބައްޕަ، ޝާދާބް ކުރިން މަސައްކަތް ކުރީ ބަރަނި އުފައްދާ ތަނެއްގައެވެ. އޭނާގެ ވަޒީފާ ގެއްލުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި އޭގެ ފަހުން އޭނާއަށް ދާއިމީ ވަޒީފާއެއް ލިބިފައެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާއަށްފަހު ޝާދާބް އާއި އޭނާގެ އާއިލާ ވަނީ އެ މީހުން ދިރިއުޅޭ ތަނުން ނުކުމެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ