ފެރީ ޓާމިނަލްތެރޭ ކަތިވަޅިއަކުން ހަމަލާދިން މީހާ އެންމެފަހުން ކުށަށް އިއުތިރާފުވެއްޖެ
މީގެ ތިން އަހަރު ކުރިން، ވިލިމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ، ތިން އަހަރު ފަހުން އެންމެ ފަހުން ކުށަށް އިއުތިރާފުވެއްޖެއެވެ. ދެހާސްތޭވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، މެންދުރު ފަހު، ވިލިމާލޭ ފެރީ ޓާމިނަލްތެރޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އެކަކީ، މުޙައްމަދު ޝަފީޤު، ގދ.ގައްދޫ / ޖަނބުރޯޒްގަސްދޮށުގެ އެވެ. ކުށަށް އިއުތިރާފު ވެފައިވާއިރު އޭނާ, ހަތް އަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ހުކުމްކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރުއްސުރެ އޭނާ ހުރީ ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުންވަނީ މުޙައްމަދު ޝަފީޤުއާ ދެކޮޅަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައެވެ. އެ އަހަރު އުފުލި އެ ދައުވާއަށް މި ހިނގާ މާރިޗު މަހުތެރޭގައި، ގިނަ ދުވަސްތަކަކަށް ފަހު ޝަފީގުވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމުގެ ކުރިން އޭނާވަނީ އެ ކުށަށް އިންކާރުކޮށް، ހާދިސާ ހިނގިވަގުތު އެތާ ނުވެސް ނެތް ކަމަށް ބުނެ، އެކަން ސާބިތު ކުރަން ޝަރިއަތަށް ހެކިވެސް ހުށަހަޅައިފައެވެ. އެހެންނަމަވެސް ފަހުން ކުށަށް އިއުތިރާފުވެ، ލުއި އަދަބަކަށް އެދުނީއެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޝަފީގު ކުށަށް އިއުތިރާފުވީ މައްސަލައިގެ ހުލާސާ ބަޔާން ނެގުމުގެ މަރުހަލާއިންނެވެ. މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ ގާޒީ މުޒައްމިލް ނާސިރުއެވެ. އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވީ ނަމަވެސް, މި މައްސަލައިގައި ޝަފީގު ބަންދުކޮށްފައި ހުރި ތިން އަހަރު، ހުކުމުން އުނިކުރުމުން ދެން އޭނާ ޖަލުގައި ހުންނަން ޖެހޭނީ ހަތަރު އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ