ޓޫޑޯ ބުނީ ގޮތް ނިންމާނީ ޓޮޓެންހަމްގެ ކުޅުންތެރިން ކަމަށް ޓޫޑޯ ބުނީ ގޮތް ނިންމާނީ ޓޮޓެންހަމްގެ ކުޅުންތެރިން ކަމަށް

ލަންޑަން (މާޗް 14) - ޓޮޓެންހަމް ހޮޓްސްޕާސް އަށް މިހާރު ދިމާވެފައި އޮތް ދަށް ހާލަތުން އަރައިގަތުމުގައި އަަމަލުކުރާނެ ގޮތަކާ މެދު ގޮތް ނިންމާނީ ޓޮޓެންހަމްގެ ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު، ކްރޮއޭޝިއާގެ އީގޯ ޓޫޑޯ ބުނެފި އެވެ.
ފެބްރުއަރީ 14 ވަނަ ދުވަހު، ޓޮޓެންހަމްގެ ކޯޗުކަމުން ތޯމަސް ފްރޭންކް ވަކިކޮށް، ޔުވެންޓަސްގެ ކުރީގެ ކޯޗު ޓޫޑޯއާ ޓޮޓެންހަމް ހަވާލުކުރި ނަމަވެސް ހާލަތު ބަދަލުކުރުމަށް އަދި ނަތީޖާއެއް ނެރެވޭ ގޮތެއްނުވެ އެވެ. ޓޫޑޯ ހަވާލުވި ފަހުން ޖެހިޖެހިގެން ހަތަރު މެޗުން ޓޮޓެންހަމް ބަލިވިއިރު، އޭގެ ތެރެއިން ތިން މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކެެވެ.
ލީގުގައި ކުރިއަށް ޓޮޓެންހަމް އަށް އޮތީ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ތާވަލަށް ބަލާއިރު، ރެލިގޭޝަން ޒޯނާ ޕޮއިންޓެއްގެ ފަރަގެއްގައި މި ވަގުތު އޮތް ޓޮޓެންހަމް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ ގޮތުން، 1977 ވަނަ އަހަރުގެ ފަހުން، ފުރަތަމަ ފަަހަރަށް ޓޮޓެންހަމް މި ސީޒަނުގައި ރެލިގޭޓްވުމުގެ ބިރު ބޮޑެވެ.
"މިއީ އެއްގޮތަކަށް ވެސް ފަސޭހަ ހާލަތެއް ނޫން. ވަރަށް ޗެލެންޖް ބޮޑު، މިއީ ކޯޗެއްގެ ގޮތުގައި އަހަރެން ކުރިމަތިލާ އެންމެ އުނދަގޫ ހާލަތް. ދިރިއުޅުމުގެ ކަމެއް ގޮތަށް މި ކަމާ ކުރިމަތިލާން ޖެހިފައި މި އޮތީ. ރޯން ތިބެން ވީ ތޯ ނޫނީ އަހަރެމެން މި ހާލަތުން އަރައިގަންނަން ފައިޓްކުރާނީތޯ. ވިކްޓިމް އަށް ވެގެން ތިބޭނީ ތޯ ނޫނީ ހާލަތު ބަދަލުކުރަން މަސައްކަތް ކުރާނީތޯ. މިއީ ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަ ކަމަކީ،" ޓޫޑޯ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލާ ދެކޮޅަށް ޓޮޓެންހަމް އިން ނުކުންނާނީ އެކި ސަބަބުތަކާ ހުރެ 13 ކުޅުންތެރިން ނެތި އެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓޫޑޯ އަށް ޓޮޓެންހަމްގެ ވަޒީފާ ވެސް ގެއްލުުމުގެ ބިރު އެބައޮތެވެ. އޭނާ ބުނީ، އަމިއްލަ ކަމަކާ މެދު ވިސްނުމަށް ވުރެން، ކްލަބްގެ މަސްލަހަތު އިސްކުރަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ