ވަޒީފާއާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކެއް ހިމެނޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިއީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
މި ބިލަކީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާ ގުޅިގެން މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.
މި އިސްލާހުގެ ދަށުން ގެނެވުނު ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށްޓަކައި 30 މިނެޓުގެ ހުސްވަގުތު ދިނުމަށް ކަނޑައެޅުމެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މި އިސްލާހުގައި ވަނީ ހިމަނާފައެވެ.
މި ބިލުގެ ދަށުން ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީއާ ގުޅޭ އުސޫލުތަކަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކުރުމެވެ. އަދި ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
ދަރިފުޅަށް ދެ އަހަރުވަންދެން ހުސްވަގުތުދޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ