އީރާނުގެ ހުއްދައާ އެކު އިންޑިއާގެ 2 ތެޔޮ ޓޭންކަރު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި

ކައްކަން ބޭނުންކުރާ ގޭސް (އެލްޕީޖީ) ހިފައިގެން ދަތުރުކުރި އިންޑިއާގެ ދެ ތެޔޮ ޓޭންކަރެއް، ބައިނަލްއަގުވާމީ ކަނޑުގެ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް، އިންޑިއާއަށް ދިއުމަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.
މި ދެ އުޅަނދު މި ސަރަހައްދު ހުރަސްކޮށްފައި މިވަނީ، އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓަވޭސްގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައދަލުވުމެއްގައި ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި އެ އުޅަނދުތައް ރައްކާތެރިކަމާ އެކު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށާއި މިހާރު އެ އުޅަނދުތައް ދަތުރުކުރަމުންދަނީ އިންޑިއާއަށް މިސްރާބު ޖަހައިގެން ކަމަށެވެ.
އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު މުހައްމަދު ފަތުހަލީ ވިދާޅުވި ގޮތުގައި، މި އުޅަނދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނީ އިންޑިއާގެ އުޅަނދުތަކަށް އީރާނުން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް، މި ހުއްދައިގެ ދަށުން ދަތުރުކުރުމުގެ ފުރުސަތު ދިނީ ކިތައް އުޅަނދަށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ސާފުނުކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް %20 އުފުލާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހުނީ، މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން، މެދުއިރުމަތީގެ ހަކަތައަށް ބޮޑަށް ބަރޯސާވެފައިވާ އިންޑިއާއަށް ވަނީ ކައްކާ ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވެފަ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރުތައް ބޭނުންކޮށް، ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށާއި ސިނާއީ ބޭނުންތަކަށް ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ނިންމާފަ އެވެ. މިއީ ގާތްގަނޑަކަށް 333 މިލިއަން ގޭބިސީއަށް ބޭނުންވާ ގޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކާ އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، އާންމުންގެ ކަންބޮޑުވުންތަކާ އެކު، މާ ގިނައިން ގޭސް ގަނެ ރައްކާނުކުރުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހޮޅި މެދުވެރިކޮށް ގޭސް ފޯރުކޮށްދޭ ނިޒާމު (ޕީއެންޖީ) ގުޅާފައިވާ ގޭބިސީތަކަށް ގޭސް ފުޅި ދޫކުރުން ނުވަތަ ރީފިލް ކޮށްދިނުން ވަނީ މަނާކޮށްފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، މުދަލާއި ހަކަތަ ރައްކާތެރިކަމާ އެކު އުފުލުމާ ގުޅޭ ގޮތުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ